ދުނިޔެ

ތޫނިސްގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ގޮވާލައްވައިފި


ތޫނިސްގައި މިހާރު ހުރި އިޖްތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ތޫނިސްގެ ބޮޑު ވަޒީރު ހަބީބް އައްސިދް ގޮވާލައްވައިފިއެވެ.ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ތޫނިސްގެ ބޮޑު ވަޒީރު އައްސިދް ވިދާޅުވީ، ތޫނިސްގައި ހުސްވި ހަފްތާގައި ހިނގި ހަމަނުޖެހުންތަކުގެ އަސްލަކީ އެޤައުމުގައި ހުރި އިޖްތިމާޢީ މައްސަލަތައް ކަމަށެވެ. އަދި އެޤައުމުގައި އުފެދުނު ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ ޤައުމުގައި އިތުރު ހަލަބޮލިކަން ފެތުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަން ވެސް އައްސިދު ވަނީ ފާހަގަކުރައްވާފައެވެ.ތޫނިސްގައި 4 ދުވަހަށް ހަމަނުޖެހުންތައް ހިނގީ އެޤައުމުގެ ވަޒީފާގެ ބާޒާރުގައި އެކަށިގެންވާ ފުރުޞަތުތައް ނެތުމުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ. ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ތޫނިސްގައި ވަނީ ކާފިއު އިއުލާނުކޮށްފައެވެ.