ކުޅިވަރު

އޮފު އެފްސީ ބަލިކޮށް ސިޓީން ގަދަ ހަތަރެއް ޔަގީންކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި އޮފު އެފްސީ ބަލިކޮށް، ސްޕޯޓްސް ކުލަބު ސިޓީން ގަދަ ހަތަރެއްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމިގެންދިޔަ އެސޯސިއޭޝަން ކަޕު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ހޯދި ސިޓީން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ.

މި މެޗުގައި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އޮފު އެފްސީގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ މެދު ތެރެއިން ސިޓީން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. މި ސެޓު ސިޓީން ކާމިޔާބުކުރީ 25-16 އިންނެވެ.

މި މެޗުގެ ދެވަނަ ސެޓު ފަށައިގެން އޮފު އެފްސީން ތިން ޕޮއިންޓްގެ ލީޑެއްގައި އޮވެގެން ކުޅުނު ނަމަވެސް، ސެޓުގެ ފަހުކޮޅު އޮފު އެފްސީގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ސިޓީން މި ސެޓު ވަނީ 25-19 އިން ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި އޮފު އެފްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސިޓީން ކާމިޔާބުކުރީ 25-16 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގައިވެސް ވާދަކުރި ހަ ޓީމު ގައުމީ ވޮލީބޯޅަ ލީގުގައިވެސް ވާދަކުރާއިރު، މި ސީޒަނުގެ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ.

މި ނަތީޖާއާއެކު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފަށާ ގައުމީ މުބާރާތުގެ ޖާގައެއް ސިޓީން ހޯދީ ލީގުގައި ކުޅުނު ތިން މެޗުވެސް މޮޅުވެގެންނެވެ. އަނެއްކޮޅުން އޮފު އެފްސީއަށް ގައުމީ މުބާރާތުގައި ވާދަކުރުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފައެވެ. ގައުމީ ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. މީގެ އިތުރުން ތާވަލުގެ ފުލުގައި އޮތް އޮފު އެފްސީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.