ޖުލައި މަހުގެ 7ވަނަ ދުވަހު ރާޑަރަށް ގެއްލުނު ޕާކިސްތާނުގެ ބޮއިންގ މަރުކާގެ ކާގޯ މަތިންދާބޯޓުގެ ބައިތައް ފެނިއްޖެއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ޝާރްޖާއިން ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރަމުން ދިޔަ 737-400 މަރުކާގެ މަތިންދާބޯޓު ރާޑަރަށް ގެއްލިފައި ވަނީ ޖީއެމްޓީ ގަޑިން 16:18ހާއިރެވެ. އެ މަތިންދާބޯޓު ރާޑަރަށް ގެއްްލުމުގެ ކުރިން އެ އުޅަނދުގެ ނެވިގޭޝަން ނިޒާމަށް މައްސަލައެއް ދިމާވެފައިވާ ކަމަށް އަންގާފައިވެއެވެ. އެ ކަން އެންގި ފަހުން އެ މަތިންދާބޯޓު ވަރަށް ބާރަށް ތިރިވަމުން ދިޔަކަން ފްލައިޓްރާޑާ24އިން ފެންނަ މަޢުލޫމާތުން ފާހަގަވެފައިވެއެވެ. އެ ގޮތުން މިނެޓަކަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މަތިންދާބޯޓު ގާތްގަނޑަކަށް 1،525 މީޓަރު ތިރިއަށް ޖެހިފައިވެއެވެ. އަދި ޖެހިގެން އައި 30 ސިކުންތުގެ ތެރޭގައި އަނެއްކާ ވެސް 1،830 މީޓަރު މައްޗަށް އަރާފައިވެއެވެ. ދެން އެއަށް ފަހު، 11،140 މީޓަރު މަތިން ސީދާ ތިރިއަށްވާ ގޮތަށް މަތިންދާބޯޓު ދިޔައީ ވެއްޓެމުންނެވެ. އެ އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނީ ވަނީ ހުޅަނގުން ގާތްގަނޑަަކަށް 155 ނޯޓިކަލް މޭލު ބޭރުންނެވެ.
ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީއިން ބުނީ ކޭ-2 އެއާވޭސްގެ އެ މަތިންދާބޯޓުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށެވެ. އެ ބައިތައް ފެނިފައި ވަނީ އޮމާރާ ބަނދަރުގެ ދެކުނުން ގާތްގަނޑަކަށް 53 ނޯޓިކަލް މޭލު ބޭރުންނެވެ. އެ މަތިންދާބޯޓުގައި ދަތުރުކުރަމުންދިޔަ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެެއެވެ.
ވެއްޓުނު މަތިންދާބޯޓަކީ 1999ވަނަ އަހަރުން ފެށިގެން، ފާއިތުވި 27 އަހަރުގެ ތެރޭގައި ހަ އެއާލައިންއަކުން ބޭނުންކޮށްފައިވާ މަތިންދާބޯޓެކެވެ. އެގޮތުން ރަޝިޔާގެ އެއޮރޯފްލޮޓްއިންނާއި އިންޑޮނޭޝިޔާގެ ގަރޫޑާ އިންޑިނޭޝިޔާގެ އިތުރުން ބެލްޖިއަމްގެ ޓީއެންޓީ އެއާވޭސްއިން އެ މަތިންދާބޯޓު އުދުއްސާފައިވެއެވެ. އޭގެ އިތުރުން އަޔަލެންޑުގެ އެއަރކެޕްއިން ވެސް އެ މަތިންދާބޯޓު ބޭނުންކޮށްފައިވެއެވެ. އެ މަތިންދާބޯޓު ކާގޯ އުފުލާ އުޅަނދެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2012ވަނަ އަހަރުގެ ތެރޭގައެވެ.