ދުނިޔެ

ސަރަޙައްދީ އިއްތިހާދުން ޔަމަނުގައި ދޭ ޙަމަލާތައް ކުށްވެރިކޮށްފި


ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސަޢޫދީ އިސްވެ އެކުލަވާލާފައިވާ އިއްތިހާދުން ދޭ ވައިގެ ޙަމަލާތައް ޔަމަނުގެ ޢާއްމުންނަށް އަމާޒުވަމުންދާ ކަމަށް އދން ހާމަކޮށްފިއެވެ.ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ބެހޭ ދިރާސާތައް ހެދުމަށް އދ. ން އެކުލަވާލާފައިވާ ޕެނެލަކުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ އަހަރީ ރިޕޯޓެއްގައި ބުނެފައިވަނީ ސަޢޫދީ އިއްތިހާދުން ދީފައިވާ ބައެއް ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ބެލިދާނެ ކަމަށެވެ.މިގޮތުން ސަޢޫދީ އިއްތިހާދުން ދީފައިވާ 119 ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ޙަމަލާތަކުގެ ގޮތުގައި ބެލެވިދާނެ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޔަމަނުގެ މަދަނީ އިމާރާތްތަކާއި ޢާއްމުން އުޅޭ ސަރަހައްދުތަކަށް ސަޢޫދީ އިއްތިހާދުން ޙަމަލާތައް ދެމުންދާ ކަމަށް ބުނެ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.