ޚަބަރު

ތިނަދޫ ތަޢުލީމީ މަރުކަޒުގައި އާދީއްތަދުވަހު ކިޔެވުން ފެށޭވަރުވާނެ


ތިނަދޫ ސްކޫލްތަކުގެ ކިޔެވުން މެދުކެނޑިފައި އޮތުމަށްފަހު، އަންނަ އާދީއްތަ ދުވަހު ފެށޭވަރުވާނެކަމަށް ލަފާކުރެއްވޭކަމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.ހޯމަ ދުވަހުގެ ރެއިން ފެށިގެން ތިނަދޫއިން ކަރަންޓު ކެނޑިފައިވުމާއިއެކު ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ދެ ސްކޫލަކާއި ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ އެއް ސްކޫލް ހުރެއެވެ. އެއީ ތިނަދޫ އަބޫބަކުރު ސްކޫލާއި، ތިނަދޫ ސްކޫލްގެ އިތުރުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.ހޯމަ ދުވަހުގެރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއަށް ފަހު މުޅިރަށުން ކަރަންޓް ކެނޑިފައިވުމާއިއެކު ވަނީ މުއްދަތެއް ނެތްގޮތަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައެވެ. ފެނަކަ ކޯޕަރޭޝަނުން ގެންދަވަނީ ތިނަދޫ ކަރަންޓް މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރައްވާ ތިނަދޫ ޢާންމު ހާލަތަށް ގެނައުމަށް މަސައްކަތްކުރައްވަމުންނެވެ. މިކަމާއިގުޅިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒީމާ ޢަބްދުﷲ ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ވަގުތީ ގޮތުން ރަށަށް ކަރަންޓު ލިބޭނެކަމަށް ޤަބޫލްކުރެއްވޭތީ އާދީއްތަ ދުވަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވައިދެން ފެށޭވަރު ވާނެކަމަށް ލަފާކުރައްވާކަމަށެވެ. އެހެންކަމުން ސްކޫލް ބަންދުކޮށްފައިވާ ދުވަސްތަކުގައި ދަރިވަރުންނަށް ގެއްލިފައިވާ ފިލާވަޅުތައް ސްކޫލްގެ ކިޔެވުން ފެށުމާއިއެކު އިތުރު ގަޑިތައް ދަރިވަރުންނަށް ނަގައިދީ އެފިލާވަޅުތައް ނަންގަވާދެއްވާނެކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ތިނަދޫ ސްކޫލް ގެ ޕްރިންސިޕަލް އަދި އަބޫބަކުރު ސްކޫލް ހިންގުމާއި ހަވާލުވެހުންނެވި މުޙައްމަދު އަޖީބު ވިދާޅުވީ އާންމުންގެ ގެތަކަށް ވަގުތީ ގޮތުންކަރަންޓް ލިބުމާއިއެކު އެ ދެސްކޫލްގައިވެސް ކިޔަވައިދެއްވަން ފަށްޓަވާނެކަމަށެވެ. މެދުކެނޑިފައިވާ ސްކޫލްގެ ކިޔެވުން ވީހާވެސް އަވަހަށް ފެށޭނެ ދުވަހަކަށް ބެލެނިވެރިންނާއި ދަރުންވަރުންވެސް ތިބީ އިންތިޒާރުގައި.ދަރިވަރުން ބުނީ ކިޔެވުން މެދުކނޑިފައިވާދުވަސްތަކަކީ އެފިލާވަޅުތައް މުޠާލިއާކުރުމަށް ލިބުނު ފުރުޞަތެއްކަމަށެވެ. ސްކޫލްގެ ކިޔެވުން މެދުކެނޑިފައިވުމާއިއެކު ސްކޫލްގެ ދަރިވަރުން ވަނީ އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކަރާސީން ގޭގެއަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އަދި ކަރުދާހުގައި ފަންކާ ހަދައިގެން އާންމު ރައްޔިތުންނަށް ދަނީ ބަހަމުންނެވެ. ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރައްވާ މަސައްކަތުގެ ދަށުން ވަނީ އަބޫބަކުރު ސްކޫލަށް މިހާރު ކަރަންޓު ދެއްވަން ފަށްޓަވާފައެވެ.