ސަރުކާރުން ހުޅުވާލާފައިވާ ހައުސިން ސްކީމްތަކުގެ މަޢުލޫމާތު ސާފުކުރުމަށް ހޮޓްލައިނެއް ޤާއިމުކޮށްފިއެވެ.
ސަރުކާރުން މިދިޔަ އާދީއްތަދުވަހު ވަނީ 2 ހައުސިން ސްކީމެއް އިޢުލާންކޮށްފައެވެ.
ޕްލޭންނިން މިނިސްޓްރީއިން ވިދާޅުވީ އަލަށް ތައާރަފްކުރެވުނު ހޮޓްލައިނަކީ، ހައުސިންގ ސްކީމްގައި އާއްމުންނަށް އޮޅުން އަރާގޮތަށް ހުރި ކަންކަމާއި ގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކުރި ހޮޓްލައިނެއްކަމަށެވެ.
ހައުސިންގ ސްކީމްތަކުގެ މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން ތައާރަފްކޮށްފަައިވާ ހޮޓްލައިނަކީ 4004797 އަދި 4004994އެވެ. ހޮޓްލައިންގެ ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބޭނެއެވެ.
ހޮޓްއިލްގެ ޚިދުމަތް އާދިއްތައިން ބުރާސްފަތިދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު ހެނދުނު 08:00އިން ރޭގަނޑު 10:00އަށް ލިބޭނެއެވެ. އަދި ހުކުރު ދުވަހު ޚިދުމަތް ލިބޭނީ މެންދުރު 02:00އިން ރޭގަނޑު 10:00އަށެވެ. އަދި ހޮނިހިރު ދުވަހު ހޮޓްލައިންގެ ޚިދުމަތް ލިބޭނީ ހެނދުނު 09:00އިން ރޭގަނޑު 10:00އަށެވެ.
ސަރުކާރުން އިޢުލާންކޮށްފައިވަނީ ބޯހިޔާވަހިކަމުގެ ދެ ސްކީމަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ.
މީގެތެރޭގައި ހިމެނެނީ މާލޭގެ ރައްޔިތުންނަށް މި ސަރަޙައްދުން ދިނުމަށް ހަމަޖެހިފައިވަނީ 3000 ގޯއްޗަށް ކުރިމަތިލުމާއި، އަދި ސަރުކާރުން މިހާރު ތަރައްޤީކުރަން ފަށާފައިވާ 4000 ހައުސިން ޔުނިޓަށް ކުރިމަތި ލުމުގެ ފުރުޞަތެވެ. ސަރުކާރުން މިހާރުވަނީ މި ދެ ސްކީމްގެ ޝަރުތުތަކާއި މާކްސް ދޭނެ އުސޫލުވެސް އާއްމުކޮށް، ގެޒެޓްކޮށްފައެވެ.
ސްކީމްގެ އުސޫލުތަކާއި، އަދި ފޯމު ހުށައެޅުމަށް އާއްމުންނަށް ފަސޭހަކުރުމަށް ޕޯޓަލްއެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް، ކިއުގައި ޖެހެން ނުޖެހި ފަސޭހަކަމާއެކު އޮންލައިންކޮށް ފޯމު ހުށައެޅޭނެއެވެ. އަދި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެިކިޔުންތައްވެސް ހުށައެޅޭނެއެވެ. މި ޕޯޓަލްގެ ލިންކަކީ https://gedhoruverin.gov.mv/ އެވެ.
ޕްރޮޖެކްޓް އަދި ސްކީމްތަކާއި ގުޅޭ މަޢުލޫމާތު ޕްލޭނިން މިނސިްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ދަނީ އާއްމުކުރަމުންނެވެ.