ޚަބަރު

ތިނަދޫ އިންޖީނުގޭގެ ހާދިސާގެ އަސަރު، ރަށުގެ ތަރައްޤީއަށް !


ގދ. އަތޮޅު ތިނަދުއަކީ ހުވަދުއަތޮޅު ދެކުނުބުރީގެ ވެރިކަންކުރާ ރަށެވެ. އެ ރަށަކީ ރާއްޖޭގެ ތާރީޚްގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. 17 ޖެނުއަރީ 1962 ވަނަ އަހަރު ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރު ތިނަދޫއިން މީހުން ބޭލުމަށްފަހު އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އެހެންނަމަވެސް އޭގެ ހަތަރު އަހަރު ފަހުން ހަމަ ރައީސް ނާޞިރުގެ ވެރިކަމުގައި ދެވަނަ ފަހަރަށް ތިނަދޫގައި މީހުން އާބާދު ކުރެއްވިއެވެ. އެއީ 22 އޮގަސްޓް 1966 ވަނަ އަހަރުއެވެ. ދިވެހި ސަރުކާރުން ތިނަދުއަށް ޚާއްޞަގޮތެއް ބަހައްޓަވައި، ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަން ފެއްޓެވީ 1978 ގެ ފަހުން ހިނގާދިޔަ އަހަރުތަކުގައެވެ. ބޭހުން ބޭލުމާ ގުޅިގެން ތިނަދުއަށް ދިމާވި ބަދުނަޞީބު ކަންތައްތަކާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް އުއްމީދާއި ތަރައްޤީއާއި ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވި އެއްރަށް ކަމުގައި ތިނަދުއަށް ހެއްދެވިއެވެ. އަދި ގިނަދުވަސްތަކެއް ވަންދެން ވަރަށް ލުއިގޮތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވާފައިވެއެވެ.އޭގެ ފަހުންފަހުންވެސް ސަރުކާރުން އިޤްތިޞާދީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި ޞިއްޚީ ގޮތުންނާއި އަދި އުމްރާނީގޮތުންވެސް ތިނަދުއަށް ތަރައްޤީއާއި ފާގަތި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށް އިސްކަންދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. ޒަމާންތައް ދައުރުވަމުން އައިސް މިއަދާ ހަމައަށް އައިއިރު، ތިނާދޫގެ އާބާދީގައި ދިހަހާހާއި ގާތްކުރާ ޢަދަދަކަށް މީހުން ދިރިއުޅޭއެވެ. އަދި އެރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަގުނަ މަޝްރޫޢުތަކެއް ރައީސް ޔާމީންގެ ސަރުކާރުންވެސް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ތިނަދޫ ރަސްމީ ފާލަން ހެދުމުގެ މަސައްކަތް، ތިނަދޫ ޖެޓީ ބޮޑުކުރުން، ތިނަދޫ ދެކުނުފަރާތުގައި ބޮޑުހިލަޖެހުން، ތިނަދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ޙިމާޔަތްކުރުން، ތިނަދޫ ނަރުދަމާގެ މަޝްރޫޢު، ތިނަދޫ މަގުހެދުން، އެމްއެންޔޫ ތިނަދޫ ކެމްޕަހުގެ އާ ޢިމާރާތް ހެދުމުގެ މަސައްކަތް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާ ހޯލް ހެދުމުގެ މަސައްކަތް، ތިނަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް، ތިނަދޫގައި ޗައިނާގެ އެހީއާއެކު ޢިމާރާތްކުރައްވާ 120 ފްލެޓް އެޅުމުގެ މަސައްކަތާއި ތިނަދޫ ބިންހިއްކުން ފަދަ އެތައް މަޝްރޫޢުތަކެއް ދަނީ ކުރިޔަށެވެ. މީގެ އިތުރަށް އިޔާދަކުރަނިވި ހަކަތަ އުފައްދާ ކަރަންޓުގެ ޚަރަދު ކުޑަކުރެއްވުމަށާއި، ވިހަ ގޭސްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެއްވުމުގެ ބޭނުމުގައި، ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ޔޫރަޕިއަން ޔޫނިއަންއާއި  އޮސްޓްރޭލިއަން އެއިޑްގެ އެހީތެރި ކަމާއެކު ވޯލްޑް ބޭންކުން ފަންޑުކޮށްގެން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއްވެސް ތިނަދޫގައި ކުރިޔަށް ގެންދަވައެވެ. އަދި މި މަޝްރޫޢުގެ ދަށުން ތިނަދޫގައި އުފައްދާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިގެ ގޮތުގައި ހެދުމަށް މަސައްކަތް ވަނީ ފަށްޓަވާފައެވެ.  އަދި އެންމެ ގިނަ ސޯލަރ ޕެނަލް ހަރުކޮށްފައިވާ އެއް ރަށަށް ތިނަދުއަށްވެފައިވެއެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ވަޞީލަތްތައް ރައްކާތެރިކަމާއެކީ ބެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެ ގޮތަށް އުފައްވާ ހަކަތަ މިހާރު ބޭނުންކުރެވޭވަރު ވަނީ ދުވާލުގެ ވަގުތުތަކުގައި އެކަންޏެވެ. އެހެންނަމަވެސް  އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ. މީ އެރަށު ރައްޔިތުންގެ ލާބަޔާއި މަންފާއާއި ކުރިއެރުމާ ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ މަޝްރޫޢުތަކެއްކަން ގައިމެވެ.  ރާއްޖޭގެ އެންމެ އުއްމީދީ އެއްރަށަށް ތިނާދޫވެފައިވާ މި ދަނޑިވަޅުގައި، އެރަށުގައި ބާރު ދުވެއްޔެއްގައި ކުރިޔަށް ގެންދާ މިފަދަ ހުރިހާ މަޝްރޫޢުތަކަށް މިއަދު މިވަނީ ލޮޅުންއަރާފައެވެ. ތިނަދޫ އިންޖީނުގެ ގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެ ރަށަށް ކަރަންޓު ދޭން ބޭނުންކުރާ ތިން ޖަނަރޭޓަރު ވަނީ ހަލާކުވެފައެވެ. އަދި މުޅި ރަށުން ކަރަންޓު ކެނޑިފައިވާއިރު، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަގުތީގޮތުން ރައްޔިތުންނަށް ކަރަންޓް ދެވޭނެކަމަށް ބެލުނަސް، ކުރިން ކަރަންޓްދެމުން އައިގޮތަށް ކަރަންޓް ދީ، އެ ރަށުގައި ޢާއްމު ޙާލަތު އިޔާދަކުރުމަށް ދެ މަސްދުވަސް ހޭދަވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން އަންދާޒާކުރެއެވެ. 22 މިލިއަން ރުފިޔާގެ ގެއްލުމެއް މާލީގޮތުން ލިބިފައިވާއިރު އަގުނުކުރެވޭ ފަދަ ގެއްލުންތަކެއް ނަފްސާނީ ގޮތުންނާއި ޖަޒްބާތީގޮތުން އެ ރަށުގެ ރައްޔިތުން ތަޙައްމަލްކުރަން ޖެހިފައިވެއެވެ.މި މައްސަލަ މިހާރު ތަޙްޤީޤުކުރައްވަމުން ގެންދަވާއިރު ފާހަގަކޮށްލަން ޖެހެނީ، މިފަދަ ކަމެއް ގަސްތުގައި ބަޔަކު ރާވައިގެން ކޮންމެ މަޤްޞަދެއް ޙާސިލްކުރުމަށްކުރި ކަމުގައިވީނަމަވެސް، އަދި ބައެއް އިހުމާލުން ހިނގި ކަމެއްކަމުގައިވީ ނަމަވެސް، އެކަމުގެ ގެއްލުން ކުށެއްނެތް އެތައް ބަޔަކަށް ލިބެމުންދާކަމެވެ. ކޮންމެއަކަސް ތިނަދޫގައި ޢާއްމު ޙާލަތު އިޔާދަކުރެއްވުމަށް، ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެން ގުޅިގެން އެއްބާލުންދިނުމާއި ކެތްތެރިކަން އިސްކުރުމާއި އިޙްތިރާމްކުރުމާއި އޯގާތެރިކަމުގެ މާޙައުލެއް ދެމެހެއްޓުމަކީ މިފަދަ ވަގުތެއްގައި އެންމެ މުހިންމު ކަންކަމެވެ.