ޚަބަރު

އިތުރު 17 ޤައުމަކާއެކު ވިސާ އެއްބަސްވުން ޤާއިމްކުރަނީ


އިތުރު 17 ޤައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން އަންނަނީ ވިސާއާ ނުލައި ދަތުރުކުރެވޭނެ ޤައުމުތައް ހަމަޖެއްސުމާއެކު ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމްތައްވެސް ހަމަޖައްސަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ޙުމައިދު ވިދާޅުވީ މިސަރުކާރުގެ 3 އަހަރު ދުވަހުގެ ތެރޭގައި 6 ޤައުމަކާއެކު ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށެވެ. މި ޤައުމުތަކުގެ ތެރޭގައި ކަޒިކިސްތާން، މޮރޮކޯ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ތައިލޭންޑް، ރަޝިއާ އަދި ޗައިނާ ހިމެނެއެވެ.

ހުމައިދު ވިދާޅުވީ ވިސާއާ ނުލައި ޗައިނާއަށް ދަތުރުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތްނަމަވެސް އެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދަތުރުކުރެވޭނީ އެ ޤައުމުގެ ކޯވިޑް ޙާލަތު ރަނގަޅުވުމުންކަމަށެވެ. އަދި މިހާރުވެސް ޖުމުލަ 88 ޤައުމަކަށް ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހުމައިދު ވިދާޅުވީ ދިވެހިންނަށް ވިސާއާ ނުލާ ދަތުރު ކުރެވޭ ޤައުމުތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި މިހާރުވެސް 17 ޤައުމަކާއެކު އެއްބަސްވުންތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ދިވެހިންނަށް ބޭރުގެ ޤައުމުތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ވިސާ ބޭނުންވާ ޤައުމުތަކުގައިވެސް ފަސޭހައިން ވިސާލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން ވިސާއާ އާ ނުލާ ދަތުރުކުރެވޭ ޤައުމުތަކުގައި އާއްމުގޮތެއްގައި ތިބެވެނީ 30 ދުވަހެވެ. އެހެންނަމަވެސް ޤައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުމުގެ ދަށުން މި މުއްދަތު އިތުރުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއިން ވިސާ ނުހެއްދޭ ޤައުމުތަކުގެ ވިސާ ލިބޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތުގެ ދަށުން ޖަރުމަނުވިލާތަށާއި، ޗެކް ރިޕަބްލިކަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް 2020 ވަނަ އަހަރުގެ ތެރޭގައި ވަނީ ހުޅުވާފައެވެ. އަދި މިތަނުން އިތުރު ޤައުމުތަކަށް ވިސާ ދޫކުރެވޭނެ ގޮތްތަކެއް އަންނަ ހޯދަމުންނެވެ.