ޚަބަރު

ވަޒީރުންނާއި ސުވާލުކުރާ ވަގުތު 30 މިނެޓަށް އިތުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ފާސްކުރި ގޮތަށް ވަގުތު އިތުރުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 23 މެމްބަރުންގެ ވޯޓުންނެވެ.

ތަފާތު އެކި ކަންކަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުޅުވާލެވޭ، ފުރުސަތުގައި މެމްބަރުންނަށް ސުވާލުކުރުމަށް ލިބޭ ވަގުތު ކުޑަކަމުގެ ޝަކުވާއަކީ މަޖިލީހުގެ ގިނަ މެމްބަރުން ފާޅުކުރާ ޝަކުވާއެކެވެ. މިކަމަށް ހައްލު ގެނައުމަށް ޢާންމު ކޮމެޓީގައި އެދިވަޑައިގެންނެވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބެނީ 20 މިނިޓްގެ ވަގުތެކެވެ. އޭގެ ތެރެއިން ސުވާލު ކުރައްވާ މެމްބަރަށް ވަޒީރާއި ދެ ސުވާލެއް ކުރުމުގެ ފުރުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ.

ޢާންމު ކޮމެޓީގެ ބައްދަލުވުމުގައި ވަޒީރުންނާ ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތަށް އިތުރު 10 މިނިޓް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ވަޒީރުންނާއި ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު 30 މިނިޓަށް އިތުރުވެގެންދާނީ ވަޒީރުގެ އިއުތިރާޒެއް އެކަމުގައި ނެތްކަމުގައިވާނަމައެވެ.

ވަޒީރުންނާއި ސުވާލު ކުރުމަށް ލިޔުމުންނާއި، މަޖިލީހަށް ވަޒީރު ހާޒިރު ކޮށްގެންވެސް ޖަވާބު ހޯދޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. އަދި ވަޒީރަކާއި ކުރެވޭ ސުވާލަށް ޖަވާބު ދިނުމަށް 14 ދުވަހުގެ ނޯޓިސްއެއް އެވަޒީރަކަށް ދެއެވެ.