ޚަބަރު

އެއްވެސް ސާރވޭއެއް ނުކުރޭ، ޒާތީ މަޢުލޫމާތު ހޯދުމަށް ހެލްތް މިނިސްޓްރީން ނުގުޅާނެ


ސަރވޭއެއް ކުރުމަށްކަމަށް ބުނެ ޑޮކްޓަރުންނާއި އާއްމުންނަށް ހެލްތް މިނިސްޓްރީގެ ނަމުގައި ގުޅާ ޒާތީ މަޢުލޫމާތު ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިނިސްޓްރީން ކުރަމުން އަންނަ ސަރވޭއަކާ ގުޅިގެންކަމަށް ބުނެ ސިއްޚީ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކަށް އެ މިނިސްޓްރީގެ ނަމުގައި ގުޅައި ޒާތީ މަޢުލޫމާތު ހޯދައި އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރިވިސްއާއި ކަމާގުޅުން ހުރި އެހެނިހެން އިދަރާތަކާއި ހިއްސާކޮށްފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީގެ ނަމުގައި މިފަދަ ކޯލްތައް ކުރަމުން އަންނައިރު އެ މިނިސްޓްރީން މިވަގުތު އެއްވެސް ސަވޭއެއް ކުރަމުން ނުދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފަހަކަށް އައިސް އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށައަޅަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށްކަމަށެވެ. އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ފުލުހުން ވިދާޅުވެއެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައިކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.