ވިޔަފާރި

ސާޓާގެ ރާއްޖޭގެ އިވެލުއޭޝަންތައް ފަށައިފި


މިއަހަރުގެ ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސް، ސާޓާގެ ރާއްޖޭގެ އިވެލުއޭޝަން ފަށައިފިއެވެ.

މި އިވެލުއޭޝަންތައް ސައުތު އޭޝިއާގެ 6 ޤައުމެއްގައި ކުރިއަށްދާނެއެވެ.

ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ސާޓާގެ ރާއްޖޭގެ އިވެލުއޭޝަންތައް ކުރިއަށްދަނީ މާގިރި ހޮޓެލްގައެވެ. ސާޓާގެ މިއަހަރުގެ ޖަޖިން ޕެނަލްގައި 6 ބޭފުޅުން ތިއްބަވައެވެ. މީގެތެރޭގައި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ހިމެނެއެވެ. އެވޯޑްގެ އިވެލުއޭޝަންތައް ކުރިއަށްދާއިރު އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސްގައި މިއަހަރު 39 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑަށް ދިވެހިރާއްޖެއާއި، އިންޑިޔާ، ސްރީ ލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ 500 އަށް ވުރެ ގިނަ ތަންތަން ވަނީ ނޮމިނޭޓްކޮށްފައެވެ. މިއަހަރުގެ ސާޓާ އެވޯޑް ރާއްޖެއާއި ރާއްޖެއިން ބޭރުގެ 15 އަށް ވުރެ ގިނަ ތަންތަނުން ވަނީ އެންޑޯސްކޮށްފައެވެ.

2021 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ސަޓާ އެވޯޑް ހަފްލާ ކޯވިޑާއި ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެވޯޑަށް ކުރިމަތިލީ ފަރާތްތައް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްކޮށްފައެވެ.

2020 ވަނަ އަހަރުގެ ސަޓާ އެވޯޑް ބާއްވާފައިވަނީ އޮންލައިންކޮށެވެ. 2019 ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ. 2018 ވަނަ އަހަރު އިންޑިއާގައި ބާއްވާފައިވާއިރު، 2017 ވަނަ އަހަރު ރާއްޖޭގައި އަދި 2016 ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ.