ކުޅިވަރު

ސިފައިން އަތުން ވެމްކޯ ބަލިވިއިރު، ސިޓީން ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ފަހަތުން އަރައި ކުލަބު ވެމްކޯ ބަލިކުރިއިރު، ސްޕޯޓްސް ކުލަބު ސިޓީން ފަސޭހަކަމާއެކު ޕޮލިސް ކުލަބު ބަލިކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯގެ އިސްމާއިލް ސާޖިދު (ކާއްޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ އަޝްވަލް ރާއީގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެއާއެކު މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-18 އިންނެވެ.

އެކަމަކު މެޗުގެ ދެވަނަ ސެޓުގައި ވެމްކޯ ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، މި ސެޓުގައި ސިފައިންގެ ޓީމުން ވަނީ ޓީމެއްގެ ގޮތުގައި ކުޅެ 25-19 އިން ކާމިޔާބުކޮށްފައެވެ.

ޖެހިގެން އައި ދެ ސެޓުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގެ ކުރީކޮޅު އެއްވެސް ޓީމަކަށް ބޮޑު ލީޑެއްގައި އޮވެ ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. އެކަމަކު ސެޓުގެ ފަހު ކޮޅު ވެމްކޯ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި މި ދެ ސެޓު ސިފައިން ގެންދިޔައީ 25-23 އަދި 25-19 އިންނެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު، ނިމިގެންދިޔަ އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދި ސިޓީން ކާމިޔާބުކުރީ ޕޮލިސް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު، މި ސެޓު ސިޓީން ކާމިޔާބުކުރީ 27-25 އިންނެވެ،

މި މެޗުގެ ދެވަނަ ސެޓު އަދި ތިންވަނަ ސެޓުގައިވެސް ސިޓީގެ ފަރަތުން ތަފާތަކަށް ފެނިގެންދިޔައީ އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރުގެ ބާރު އެޓޭކުތަކެވެ. އެ ދެ ކުޅުންތެރިންގެ އެޓޭކުތައް ހުއްޓުވުމަށް ޕޮލިހަށް އުނދަގޫވިއިރު، މި ދެ ސެޓު ސިޓީން ކާމިޔާބުކުރީ 25-20 އަދި 25-20 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގައިވެސް ވާދަކުރި ހަ ޓީމު ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރާއިރު، މި ސީޒަނުގެ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ. އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ލީގުގެ ކުޅުން ނިމިގެންދާއިރު، ގައުމީ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އެ މަހުގެ ހަތަރުވަނަ ދުވަހެވެ.