ކުޅިވަރު

ސަސް އަތުން މާޒިޔާއަށް ފަހު ވަގުތު މޮޅެއް


އުުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަހު ވަގުތު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ވަނީ ކުރިއަށް ޖެހި ސަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ފޮނުވާލި ހަމަލާއެއް ވަނީ ސަސްގެ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޓަނާ ނެގި ކޯނަރަކުން ނާއިޒް ހަސަން (ދާދު) ވަނީ މާޒިޔާއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ 21 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަނާއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހުކޮޅު ސަސްއިން ވަނީ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މިއީ މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އަދި އޭގެ ހަތަރު މިނެޓު ފަހުން ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަސޫހު ރަޝީދު (ޕިލާ) އެވެ. މިއީ އަޙްމަދު އައިހަމްގެ އެހީތެރިކަމާއެކު ޕިލާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސަސްއިން ޑިފެންސްއަށް ވިސްނައިގެން ކުޅުނުއިރު، މި ހާފުގައި މާޒިޔާގެ ފަރާތުން ގިނަ އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެކަމަކު މާޒިޔާއަށް ލީޑު ފުޅާކޮށްދެން ޓަނާ އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗުގައި މާޒިޔާއިން އަލުން ލީޑު ނެގީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޓަނާ ނެގި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮންޓަނެގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލްއެވެ.

މި ނަތީޖާއާއެކު މާޒިޔާއާއިން ވަނީ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމު ލީގުގެ ދެވަނަ ބުރު ނިންމާލީ ކުޅުނު 14 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ސަސް އޮތީ 14 މެޗުން ލިބުނު 14 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތްވަނައިގައެވެ.