ޚަބަރު

ޑިމޮކްރަސީ ހަފްތާގެ ރަސްމީ ޙަރަކާތްތައް ހއ. ހޯރަފުށީގައި ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޑިމޮކްރަސީ ހަފްތާގެ ރަސްމީ ޙަރަކާތްތައް ހއ. ހޯރަފުށީގައި ފަށްޓަވައިފިއެވެ.މިޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވައިދެއްވީ ދެކުނު ކޮރެއާގެ އިލެކްޝަން ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަދި އޭޝިޔާގެ އިންތިޚާބް ތަކާއި ބެހޭ އިދާރާތަކުގެ ޖަމްޢިއްޔާ، " އޭވެބް" ގެ ސެކްރެޓްރީ ޖެނެރަލް ކިމް ޔޮންގ ހައިއެވެ.މިޙަރަކާތްތައް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ފުރަތަމަ ހިންގެވި ޙަރަކާތަކީ ފުޓްބޯޅަ މެޗެއް ކުޅުމެވެ. ހޯރަފުށީ ބޯޅަދަޑުގައި ހަވީރު ކުޅުނު މި މެޗްގައި ވާދަކުރީ ހއ. ހޯރަފުށިން ހޮވާލެވުނު ޓީމަކާއި އިލެކްޝަން ކޮމިޝާނާއި މިނިވަން މުވައްސަސާތަކުން ހޮވާލެވުނު ޓީމެކެވެ. މިމެޗް ނިމުނީ އެއްވަރުވެގެންނެވެ.ޑިމޮކުރަސީ ހަފުތާގެ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ  ޑޯޓުޑޯ ކެންޕޭންނެއް ހިންގަވާފައެވެ. އިލެކްޝަން ކޮމިޝަނާއި މިނިވަން މުވައްސަސާތަކާ ގުޅިވަޑައިގެން ހިންގެވި މި ޑޯޓުޑޯ ކެމްޕެއިންގައި ހއ. ހޯރަފުށީގެ ހުރިހާ ގެއަކަށް ޒިޔާރަށްކުރައްވައި، ޑިމޮކްރަސީއާބެހޭ މަޢުލޫމާތު ދެއްވިއެވެ.ހޯރަފުށީގައި ފާހަގަކުރައްވާ ޑިމޮކްރަސީ ތެރޭގައި ހޯރަފުށީގެ އިތުރުން މިއަތޮޅުގެ ބައެއް ރަށްތަކުގައި އިލެކްޝަންސް ކޮމިޝަނުން ދަނީ ޙަރަކާތްތައް ހިންގަވަމުންނެވެ. މިގޮތުން ދިއްދުއާއި އިހަވަންދޫގައި ވަނީ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތަކެއްވެސް ހިންގާފައެވެ.މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ކުރިއަށް ގެންދަވާ ޑިމޮކްރަސީ ހަފްތާގެ ޙަރަކާތްތަކުގައި ގިނަ މުވައްސަސާތަކުން ބައިވެރިވެވަޑައިގަންނަވައެވެ.