ޚަބަރު

އާރްޓީއެލްގެ ތަޖްރިބާ ދަތުރުތައް ހއ.ގައި ފަށައިފި، ފުރަތަމަ ހަފްތާ ހިލޭ


ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ތަޖުރިބާ ދަތުރުތައް ހއ.އަތޮޅުގައި ފަށައިފިއެވެ. ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަތުރުތައް ފުރަތަމަ ހަފްތާތެރޭގައި ކުރަމުންދަނީ ހިލެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްއިން ހއ.އަތޮޅުގައި ދަތުރުތައް ފެށުމަށް ބޭނުންވާ 5 ސްޕީޑް ފެރީ ފޮނުވާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ ހއ.އަތޮޅުގެ ތަޖުރިބާ ދަތުރުތައް މިހާރު ފަށާފައިވާކަމަށެވެ. ތަޖުރިބާ ދަތުރުތައް ކުރިއަށްގެންދާނީ އެއް ހަފްތާއަށެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ޕީއެސްއެމްއަށް ވިދާޅުވީ އާރްޓީއެލްގެ ތަޖުރިބާ ދަތުރުތައް ހަފްތާއަކަށް ކުރިއަށްގެންދާއިރު މިދަތުރުތައް ކުރިއަށްގެންދާނީ އެއްވެސް ފީއަކާ ނުލާކަމަށެވެ.

ތަޖުރިބާ ދަތުރުތައް ނިންމާ ރަސްމީކޮށް އާރްޓީއެލްގެ ޚިދުމަތް ހއ.އަތޮޅުގައި ފަށާނީ އަންނަ ޖުލައި މަހުގެ 3ވަނަ ދުވަހު ކަމަށް ފާރިޤް ވިދާޅުވިއެވެ. ދަތުރުތަކުގެ އަގު ހުންނާނީ 35 ރުފިޔާއާއި، 100 ރުފިޔާއާއި ދެމެދު ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮވެއެވެ. މި 14 ރަށް ހިމެނޭހެން 5 ރޫޓަކުން ދަތުރުތައްވަނީ ކަނޑައަޅާފައެވެ. އަދި މި ރޫޓުތަކަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ. ހއ.އަތޮޅުގެ މައި ރަށަކީ ހއ.ދިއްދުއެވެ. ދިއްދުއަކީ ސިއްޙީ ބޭނުންތަކާއި ވިޔަފާރިއަށް ކޮންމެ ދުވަހަކުވެސް އަތޮޅުގެ ގިނަ ބަޔަކު ދަތުރުކުރާ ރަށެވެ.

އަލަށް ފަށާ ދަތުރުތަކުގެތެރޭގައި ޒޯން 1ގައި ހިމެނޭ ހއ.އަތޮޅާއި ހދ.އަތޮޅާއި ދެމެދުގެ ރޫޓްވެސް ފަށާނެއެވެ. މިއީ ދެ އަތޮޅުގެ ދެމެދުގައި އާރްޓީއެލްގެ ޚިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެގޮތުން ދިއްދޫ-ކުޅުދުއްފުށީ އަދި ދިއްދޫ-ހަނިމާދޫ ޑައިރެކްޓް ދަތުރުތައް ބާއްވާނެއެވެ. އަދި އިހަވަންދޫ، ހޯރަފުށި ހިމެނޭ ރޫޓަކުން ކުޅުދުއްފުއްޓަށް ދަތުރުތައް ބާއްވާނެއެވެ.

ޒޯން 1ގައި ދެން ހިމެނެނީ ށ.އަތޮޅެވެ. ށ.އަތޮޅުގެ ދަތުރުތައް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މި ފަށާ ޖުލައި މަސް ނިމުމުގެ ކުރިން މުޅި ޒޯން 1ގެ ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

އާރްޓީއެލްގެ ޚިދުމަތް ދޭނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަށް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ފަސޭހަ، ފެންވަރު ރަނގަޅު، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމެވެ. އަދި އަސާސީ ޚިދުމަތްތައް ފަސޭހަކޮށްދީ، އިޤްތިޞާދީގޮތުން ރަށްތަކަށް ކުރިއެރުން ހޯދައިދިނުމެވެ.

އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ފެށީ މި ޖޫން މަހުގެ 12 ވަނަ ދުވަހު ހދ.އަތޮޅުންނެވެ. ހދ.އަތޮޅުގެ 13 ރަށެއްގައި ކޮންމެ ދުވަހަކު ފެރީގެ ޚިދުމަތް މިހާރު އަންނަނީ ދެމުންނެވެ.