ތިމާވެށި

ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަންގެ މަސައްކަތްތައް ފަށައިފި


މާލެ ސަރަޙައްދުގެ ކުނި މެނޭޖުކުރުމަށް ސަރުކާރުން އުފައްދަވާފައިވާ "ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"، ވެމްކޯގެ ޢަމަލީ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް އިފްތިތާޙުކޮށްދެއްވައިފިއެވެ.މާލޭ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރެއްވުމުގެގޮތުން މާލެ ސަރަޙައްދުގައި ޖަމާވާ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއި ސަރުކާރުން ހަވާލުކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ވެމްކޯއަކީ މުޅި ރާއްޖޭގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރުމަށް 2009 ވަނަ އަހަރުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ.ވެމްކޯގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އެކޯޕަރޭޝަންގެ މަސައްކަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، މާލޭގެ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް އިންޑިޔާގެ ޓަޓުވާ ކުންފުންޏާއި ހަވާލުކުރެއްވުމުން، އެކުންފުނީގެ ފަރާތުން ކުނިމެނޭޖް ކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ކޮށްފައި ނުވުމުގެ ސަބަބުން، މި މައްސަލަ ހައްލުކުރެއްވުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތްކަމަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކުރެއްވި މަސައްކަތުން މާލޭގެ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ޕްލޭންތަކެއް ހައްދަވައި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢިބްރާހިމް ފުޢާދު ވިދާޅުވީ، އެކުންފުނީގެ ޢަމާޒަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވީހާވެސް ހަރަދުކުޑަކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް މާލޭ ސަރަޙައްދުގައި ޤާއިމު ކޮށްދެއްވުން ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީޒްތައް ހޯދުމުގެ މަސައްކަތް މިހާރު އެކުންފުނިން ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ކުނި އުފުލުގެ މައްސަލަ ހައްލުކުރުމަށް ތިމާވެއްޓާއި ރައްޓެހި ގޮތްތަކެއް ތަޢާރަފްކުރުން ހިމެނެއެވެ. މީގެ އިތުރުން ތިލަފުށީގައި މިކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކުރެވި، ކުނި ނައްތާލުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. ހަމައެހެންމެ މާލޭ ހުޅަނގުދެކުނު ފަރާތުގައި ތަރައްޤީކުރާ އިންޑަސްޓްރިއަލް ވިލެޖުގައި ވޭސްޓް ކަލެކްޝަން ސަރވިސް ސެންޓަރެއް ޤާއިމުކުރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ވެމްކޯގެ އާ ލޯގޯއާއި، އެކުންފުނީގެ އާ ވެބްސައިޓް އެންވަޔަރަމަންޓް މިނިސްޓަރ ލޯންޗްކޮށްދެއްވާފައިވެއެވެ.