ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރކުރާ އާންމުންގެ އަދަދު އަންނަނީ އިތުރުވަމުން


ދައުލަތުން ބަލަހައްޓާ ކުއްޖަކު ފޯސްޓަރ ކުރާއިރު ނުވަތަ ފޯސްޓަރ ހޯމްއަކަށް ދޫކޮށްލާއިރު ކަނޑައަޅާފައިވާ ވަރަށް ބައިވަރު ޝަރުތުތަކެއް ހުރެއެވެ. އަދި އެ ކުދިން ފޯސްޓަރކުރުމުގެ ކުރިން ގިނަ މަރުހަލާތަކެއް ކުރިއަށް ގެންގޮސް އެބައެއްގެ ވަނަވަރު ވަރަށްރަނގަޅަށް ބަލަމުންދާކަމަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވިދާޅުވެއެވެ.

އާންމުގޮތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަން ދިމާވާ މައިގަނޑު ސަބަބުތަކަކީ ކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކެވެ. އެފަދަ ހާލަތްތަކަށް ބަލާއިރު ކުދިން ތިބޭ މާހައުލު ރައްކާތެރި ނުވުން ހިމެނެއެވެ. ކުއްޖާ ދިރިއުޅޭ ގޭގެ މާހައުލު ރައްކާތެރި ނޫނިއްޔާ ކުއްޖާގެ އާއިލާ ތެރޭން ރައްކާތެރިކާމާއިއެކު ބަލަހައްޓާނެ ފަރާތެއް ހުރިތޯ ބަލައި އެފަދަ ފަރާތެއް ނެތްނަމަ އެކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެއެވެ. އަދި މައިންބަފައިން ނިޔާވުމުގެ ސަބަބުން ނުވަތަ މައިންބަފައިންނަށް ދިމާވާ ހާލަތަކުން ބެލެން ނެތް ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ފައްޒަ ފުވާދު ވިދާޅުވީ ކުދިން ފޯސްޓަރ ކުރުމަށް ކަނޑައެޅުނު ޤަވާއިދާއެކު އެކަން ފަށައިގަތުމަށް ކުޑަ ދުވަސްކޮޅެއް ނެގި ކަމަށެވެ. އެގޮތުން ކުދިން ފޯސްޓަރ ކުރުމަށް ހުށަހަޅާ އެޕްލިކޭޝަންގެ އަދަދު މަޑު ޖެހުމަށްފަހު 2021ވަނަ އަހަރުން ފެށިގެން އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މައިގަނޑުގޮތެއްގައި ކުދިން ފޯސްޓަރ ކުރުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ބަލާއިރު ޕެޓާންއަކީ ހަމަ އެއް އަހަރުން އަނެއް އަހަރު އިތުރުވުން. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް އެބޮތް ހަތް ފަރާތަކުން ރިކުއެސްޓްކޮށްފައި ކުދިން ފޯސްޓަރ ކުރުމަށް" ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ފައްޒަ ފުވާދު ވިދާޅުވިއެވެ.

ކުއްޖަކު ފޯސްޓަރކުރަން ހުށަހަޅާ ފަރާތެއްގެ ހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމާއި، އާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ މީހަކު ކަމުގައިވުމާއި ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން ހިމެނެއެވެ.

ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލެއްވެފައިވާކަން ސާބިތުވެފައިވާ ނުވަތަ ތުހުމަތެއް ކުރެވިފައިވާކަމުގެވެސް ރެކޯޑެއް އެއްވެސް ކަމާގުޅޭ އިދާރާއެއްގައި ނެތުމަކީ ކުއްޖަކު ފޯސްޓަރ ކުރުމުގައި ބަލާ މުހިންމު ޝަރުތެކެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑުކުށެއް ސާބިތުވެފައި ނުވަތަ ޝަރުޢީ އަދި ތަހްގީގީވެސް އެއްވެސް މަރުހަލާއެއްގައި ހިނގަމުންދާ މީހަކުކަމުގައި ނުވުމާއި މަސްތުވާތަކެތީގެ ކުށެއް ނުވަތަ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ސާބިތު ދަރަނީގެ މައްސަލައެއް ނުވަތަ ސާބިތު ހަރަދުގެ މައްސަލައެއްގެ ރެކޯޑު ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިއިން އެއްވެސް ކަމަކާގުޅޭ އިދާރާއެއްގައި ނެތުންވެސް ހިމެނެއެވެ.

ކުއްޖަކު ފޯސްޓަރކުރަން ހުށަހަޅާ ފަރާތެއްނަމަ އެއީ ދައުލަތުގެ ބެލުމުގެދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިންކަމުގައި ނުވަތަ ޝަރުޢީ ބަލަދުވެރިޔަކު ކަމުގައި ނުވަތަ އާއިލާގެ މެންބަރަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ތައްޔާރުކުރެވޭ އެސެސްމަންޓުން ކުއްޖާ ބެލޭވަރުގެ ގާބިލްކަމެއްހުރި ފަރާތެއްކަން އެނގެން އޮތުމަކީ މުހިންމުކަމެކެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއްނަމަ، ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުރި ސިޓީއެއްގައި ދިރިއުޅޭ ފަރާތަކަށްވާން ޖެހޭނެއެވެ.

މީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހަކު ކަމުގައިވުން ހިމެނެއެވެ. އެހެންނަމަވެސް ސިންގަލް ޕޭރެންޓެއްވިޔަސް އެހެން ހުރިހާ ޝަރުތުތައް ފުރިހަމަވާނަމަ ކުއްޖަކު ހަވާލުކުރަން ނިންމުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 203 ކުދިން އެބަތިއްބެވެ.