ޚަބަރު

"އާންމު ދަތުރުފަތުގެ ނިޒާމެއް ޤާއިމުކުރަން އާންމުންގެ އެއްބާރުލުން ބޭނުންވޭ"


އެއްދުވަހުން އަނެއް ދުވަހަށް، މާލޭގައި ދުއްވާ އެއްގަމު އުޅަނގުގެ ޢަދަދު އިތުރުވެ ހިނގާބިނގާވުމަށާއި ދުއްވުމަށްވެސް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު މާލޭގައި ދުއްވާ އެއް ސަބަބަކީ ރަނގަޅު ނިޒާމެއްގެ ތެރެއިން ހިންގާ އާންމު ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. މިމައްސަލަ ޙައްލަކީ ރަނގަޅަށް ހިނގާ އާންމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިކަމަށްޓަކައި މިހާރު ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެއާއި މާލެއާ ދެމެދު ދުއްވާ ބަހުގެ ނިޒާމުގެއިތުރަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. މިފަދަ ބޮޑު ބަދަލެއް އަންނައިރު ޓްރެފިކްގެ ޤަވާއިދުތަކާއި ބަސް ދުއްވާއިރު ޢާއްމުން ސަމާލުކަން ދޭންޖެހޭ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު އެމްޓީސީސީއިން މިހާރުވެސް އަންނަނީ ބަހުގެ ޚިދުމަތް ދެމުންނެވެ. މިހާރު ޚިދުމަތުގައި ބޭނުންކުރަނީ 40 މީހުންގެ ޖާގައިގެ ބަސްތަކެވެ. މީގެތެރޭގައި ޑަބަލް ޑެކަރ ބަސްތައްވެސް ހިމެނެއެވެ. ބަހުގެ ޚިދުމަތް ބައެއް ސަރަޙައްދުތަކުގައި 20 މިނިޓުން އަދި ބައެއް ސަރަޙައްދުތަކުގައި 15 މިނިޓުން ބާއްވަމުން އަންނައިރު މާލެއާއި ހުޅުމާލޭގެ އިތުރުން މިދެމެދުގައިވާ ސިނަމާލޭ ބްރިޖްމަތީގައި އެތައް ބަހެއް ދަތުރުކުރެއެވެ. ސައިޒުގެ ގޮތުން ބޮޑެތި ބަސްތަކެއް ދަތުރުކުރާއިރުވެސް ބައެއް މީހުން ބަސްތަކާމެދު ސަމާލު ނުވުމަކީ އެމްޓީސީސީގެ ބޮޑު ކަންބޮޑުވުމެކެވެ. ބަހުގައި ޖެހި އެކްސިޑެންޓުވެގެން ހިތާމަވެރި ބައެއް ޙާދިސާތައް ހިނގާފައިވެއެވެ. ބައެއް މީހުންގެ ޢަމަލުތައް ހުންނަގޮތުން މިފަދަ ޙާދިސާތައް އިތުރަށް ހިނގާފާނެކަމުގެ ކަންބޮޑުވުން އަދިވެސް އެބައޮތެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ދިނުމުގައި މިހާރު ދިމާވަމުންދާ އެންމެ ބޮޑު ނުރައްކަލަކީ އެންމެންގެ ރައްކަލަކަށް ހެދިފައިވާ ގަވާއިދުތަކަށް ބައެއް ފަރާތްތަކުން އިޙްތިރާމްނުކުރުންކަމަށެވެ. އާޒިމް ވިދާޅުވީ މާލެ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ބޮޑެތި ބަސްތަކުގައި، ބަހާ ވަކިވަރަކަށް ދުއްވާފައިދާ އެހެނިހެން އުޅަނދުތައް އެގޮތަށް ކައިރިވުމުން ބަސް ދުއްވަން އިންނަ ޑްރައިވަރަށް އެފަދަ އުޅަނދުތައް ނުފެންނަ ފަހަރު ދާކަމަށެވެ. އެއީ ބާހާ ވަކިވަރަކަށް ކައިރިވުމުން، ބަހުގައި އެކި ފަރާތް ބަލަން ހުންނަ ލޯގަނޑުތަކަށް ނާރާ ހިސާބުތައް ހުންނާތީއެވެ. އެފަދަ ސަރަޙައްދުތަކަށް ޓްރެފިކް ބަހުރުވައިން ކިޔަނީ "ބްލައިންޑް ކޯރނާސް"ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން އެހާ ބަހާއި ކައިރިން ނުދުއްވުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.

ބަހުގެ ޚިދުމަތް ދެމުން އަންނައިރު ބައެއް ނޭދެވޭކަންކަން ޢާއްމުންގެ ފަރާތުން ފެންނަމުންދާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން ބަހުގެ ކައިރިން އޯވަރޓޭކްކުރުމާއި ބަހުގެ ކުރިމައްޗަށް އެރުމާއި މިގޮތަށް ދަމުން ކުއްލިއަކަށް ބަހުގެ ކުރިމައްޗަށް މަޑުކުރުން ފަދަ ކަންކަން ބައެއް ފަހަރު ދިމާވެފައިވާކަމަށް އެމްޓީސީސީއިން ފާހަގަކުރައްވައެވެ.

ޢާއްމުންނެކޭ އެއްފަދައިން ބަސް ދުއްވާ ޑްރައިވަރުންވެސް ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ފެށުމުގެ ކުރިން ބަސް ޑްރައިވަރުންނަށް ގަވާއިދުތަކާ ގުޅޭ އިރުޝާދު ދިނުމަކީ ޚާއްސަ އިސްކަމެއްދީގެ މޮނީޓަރކުރެވިގެން ކުރިއަށްގެންދާ ޙަރަކާތެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ފުލުހުންނާ ގުޅިގެން އެކުންފުނިން އަންނަނީ މުވައްޒަފުންނަށް ތަމްރީންތައްވެސް ދެމުންނެވެ.

މާލެ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ފުޅާކުރުމަށް އަންނަ މަހު މާލެއަށް މިނީ ބަހުގެ ޚިދުމަތް ފެށުމަށް އަންނީ ތައްޔާރުވަމުންނެވެ. އެއާއެކު ބަސް ދުއްވާފައިދާއިރު ސަމާލުވާން ޖެހޭ ކަންކަމަށް ސަމާލުވުމަށް އެމްޓީސީސީއިން އިލްތިމާސްކުރެއެވެ. އަދި މިނީ ބަހާއެކު މާލެ ތެރޭގައި ދަތުރުކުރާއިރުވެސް ބަހަށް އިސްކަންދީ ވެހިކަލްތައް މަދުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމްޓީސީސީއިން އެދެއެވެ. އެހެންކަމުން ދެމެހެއްޓެނިވި އާންމު ދަތުރުފަތުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ.