ޚަބަރު

އީދުބަންދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ


ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އީދުބަންދާއި ދިމާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބާއްވާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންއިން ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 16 ވަނަ ދުވަހާއި ދެމެދު ފަސިންޖަރުންގެ ޑިމާންޑާ އެއްވަރަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ޝެޑިއުލް ދަތުރުތަކުގެ އިތުރުން އަންނަ އާދިއްތަދުވަހު މާލެއާއި ފުނަދޫ އަދި ހޯރަފުއްޓާއި މާލެއާއި ދެމެދު ދަތުރުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު މާލެއާއި ތިމަރަފުށި އަދި ކައްދޫއާއި މާލެއާއި ދެމެދުވެސް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އަންނަ ހޯމަދުވަހު މާލެއާއި ކުޅުދުއްފުށްޓާއި ދެމެދުވެސް ދަތުރުތަކެއްކުރުމަށް ތާވަލުކުރެވިފައިވާކަމަށްވެސް މޯލްޑިވިއަންއިން ހާމަކުރައްވައެވެ. އަދި އަންނަމަހު 5 ވަނަ ދުވަހު ދަރަވަންދުއަށް ހާއްސަ ދަތުރުތަކެއް ކުރުމަށްވެސް މޯލްޑިއަނުން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައި މިވަނީ ބޮޑު އީދު ޗުއްޓީއަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ.

މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 14 މަންޒިލަކަށް ދަތުރުތައް ދަނީ ބާއްވަމުންނެވެ.