ވިޔަފާރި

ބެންކޮކް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ބެންކޮކް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލާފައިވަނީ ކޯވިޑް19އާ ގުޅިގެންނެވެ.

މި ދަތުރުތައް ކުރާނީ ބެންކޮކްގެ ސުވަނަބަމީ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ބެންކޮށް އެއަރވޭސްއިން ރާއްޖެއަށް ހަފްތާގެ 4 ދުވަހު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަންގާރަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

ކޯވިޑް-19 އަށް ފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެއެވެ. ތައިލެންޑަކީ ވިޔަފާރިއާއި އަދި ޗުއްޓީ ހޭދަކުރުމަށްވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ މަންޒިލެކެވެ. އެހެންކަމުން ބެންކޮކް އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަކީ އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި އަދި އެކި ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަވެގެންދާނެކަމެކެވެ.

ކޯވިޑަށްފަހު ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ އެއަރލައިންތަކަކުން ވަނީ ހުއްޓާލާފައިވާ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 24 އެއަރލައިނަކުން މިހާރުވެސް އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.