ކުޅިވަރު

އައިބާ އޯޕަން ބެޑްމިންޓަން ޖޫނިއާ ޗެމްޕިއަންޝިޕުގެ ކުޅުން ފަށައިފި


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޖުފާން ރަޝީދު ބެޑްމިންޓަން އެކެޑަމީން ކުރިއަށްގެންދާ ޑެވޮންޑޭލް އައިބާ އޯޕަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕް، ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.

ޒުވާން ކުޅުންތެރިން ބިނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މުބާރާތުގައި ހަ އަހަރާއި 18 ދަށުގެ ކުދިން ވަނީ ބައިވެރިވެފައެވެ. އަދި މުބާރާތުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި މުބާރާތް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް މިފަދަ މުބާރާތްތައް ބޭއްވުން އެއީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކުޅިވަރު ކުޅުންތެރިން ބިނާ ކުރުމުގައި މައިންބަފައިންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަޖުފާން ބުނީ މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ ބައިވެރިވާ ހުރިހާ ކުދިން މިއީ ވަރަށް ހުނަރުވެރި ކުދިންކަން ދައްކުވައިދީ އެ ކުދިން ކުރިއަރަން ބޭނުންވާ ތަޖުރިބާއެއް ހޯދައިދީ ކުރިއަށްދާން ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

މި މުބާރާތް ބޭއްވިގެންދަނީ ކުޅިވަރާ ބެހޭ ވުޒާރާއާ، ބެޑްމިންޓަން އެސޯސިއޭޝަނުގެ އެއްބާރުލުމާއެކުގައެވެ.