ދުނިޔެ

ތުރުކީ ޖަންގަލިތަކުގައި ރޯވެ އަނދަނީ


ތުރުކީ ވިލާތުގެ ހުޅަނގުދެކުނު ސަރަޙައްދެއްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. އެންމެ ބޮޑަށް އަނދަމުންދަނީ ރިސޯޓު ރަށެއް ކަމުގައިވާ މާމަރިސް ކައިރީގައިވާ ޖަންގަލީގެ ސަރަޙައްދުތަކުގައެވެ. އަލިފާންގަނޑު ނިއްވައިލުމަށް ވަޔާއި އެއްގަމު މަގުން ކުރަމުންދާ މަސައްކަތްތަކަށް، ހޫނު ގަދަވުމުގެ ސަބަބުން ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ.

މިއީ، ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތަކެއް ކަމަށް އެ ޤައުމުގެ ދާޚިލީ ވަޒީރު ސުލައިމާން ސޯއިލޫ ވިދާޅުވިއެވެ. އަދި، އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ކުށަށް އިޢުތިރާފު ވެފައިވާ ކަމަށް ސޯއިލޫ ވިދާޅުވިއެވެ.

2,881 ހެކްޓަރުގެ ޖަންގަލީގެ ސަރަޙައްދަކަށް އަލިފާންގަނޑު މިހާރު ފެތުރިފައިވާއިރު، އެ ސަރަޙައްދުގައި ވައި ގަދަވުމުގެ ސަބަބުން އަލިފާން ނިންވުމަށް އިތުރު ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށް ތުރުކީ ވިލާތުން ބުނެއެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 274 މީހަކު އެހެން ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 45 ހެލިކޮޕްޓަރާއި 12 މަތިންދާބޯޓު ބޭނުން ކުރަމުންދާ އިރު، މި މަސައްކަތުގައި 2,600 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިދިޔަ އަހަރު ވެސް މާމަރިސްގެ ޖަންގަލިތަކުގައި ރޯވެ، އެތައް ހާސް ހެކްޓަރެއް އަނދައި ހުލިވިއެވެ. އެ ހާދިސާއާ ގުޅިގެން، ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.