ކުޅިވަރު

ފައިނަލަކީ ސަޕޯޓާރުންނަށް ދިން ހަދިޔާއެއް - ކްލޮޕް


ލީގް ކަޕްގެ ފައިނަލަކީ އޭނާ ސަޕޯޓަރުންނަށް ދިން ހަދިޔާއެއްކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.ކެޕިޓަލްވަން ކަޕްގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދާފައިވަނީ ސްޓޯކް ސިޓީގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ރޭ ސްޓޯކް ސިޓީއާއި ލިވަޕޫލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެކެއް ސުމަކުން ސްޓޯކް ސިޓީ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ދެ ލެގުގެ ނަތީޖާއަށް ބަލާއިރު ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުމަށް ކުޅުނު ތިރީސްމިނެޓްގެ އިތުރުވަގުތަށްފަހު ޖެހި ޕެނަލްޓީގައި ލިވަޕޫލް ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދީ ހަޔެއް ފަހަކުންނެވެ. ޕެނަލްޓީގައި ލިވަޕޫލްގެ ތަރިއަކަށްވީ ގޯލްކީޕަރ ސިމޮން މިންގޮލޭއެވެ. އޭނާވަނީ ސްޓޯކްގެ ޕީޓާރ ކްރައުޗް އަދި މާރކް މުނީސާ ޖެހި ޕެނަލްޓީ ދިފާއުކޮށްފައެވެ. ލިވަޕޫލުން ޕެނަލްޓީ ބޭކާރުކޮށްލި ހަމައެކަނި ކުޅުންތެރިޔަކީ އެމްރޭ ޗޭންއެވެ.މެޗަށްފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ޓީމާއި ހަވާލްވިތާ ހަތަރު މަސްތެރޭގައި ފައިނަލަކާއި ހިސާބަށް ދެވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި، އެންމެ ފަހުން ދެހާސް ބާރަވަނަ އަހަރު ލިވަޕޫލުން އުފުލާލި ޓްރޮފީ އޭނާ އަލުން ސަޕޯޓަރުންނަށްޓަކައި ހޯދައިދޭން ބޭނުންވާކަމަށެވެ. އަދި ފައިނަލަކީ ހުރިހާ ސަޕޯޓަރުންނަށް ދިން ހަދިޔާއެއްކަމަށާއި، ހަދިޔާ ފުރިހަމަވާނީ ކެޕިޓަލްވަން ކަޕްގެ ޓްރޮފީއާއެކުކަމަށް އޭނާ ބުންޏެވެ."ޓިމާއި ހަވާލްވިތާ ހަތަރުމަސް ތެރޭގައި ފައިނަލަކަށް ޓީމް ގެންގޮސްދިނުމަކީ ބޮޑު ކާމިޔާބީއެއްކަމަށާ އަހަރެން ދެކެނީ، މީ ސަޕޯޓަރުންނަށް ދިން ހަދިޔާއެއް. ހުރިހާ ޝުކުރެއް ހަމަ ހައްގުވަނީ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް." މެޗަށް ފަހު ކްލޮޕް ބުންޏެވެ.