ވިޔަފާރި

މިދިޔަ އަހަރު ކުރެވުނު އިޝްތިހާރުތައް 65 މިލިއަން މީހުންނަށް ވާސިލުކުރެވުނު: ޠައްޔިބު


މިދިޔަ އަހަރު ކުރެވުނު އިޝްތިހާރުތައް 65 މިލިއަން މީހުންނަށް ވާސިލުކުރެވުނުކަމަށް އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޠައްޔިބު މިހެން ވިދާޅުވީ، މަޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ..

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ޒިންމާ އުފުލާ މައި ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މަޓީގެ އޭޖީއެމްގައި ވާހަކަދައްކަވަމުން ޠައްޔިބު ވަނީ ރާއްޖެއިން ވިދިވިދިގެން 2 އަހަރު ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ މަޤާމު ރާއްޖެއިން ދިފާއުކުރުމަށް އެންމެ މުހިންމު އެއްކަމަކީ ފަތުރުވެރިކަން ޑައިވަރސިފައިކުރުންކަމަށެވެ.

މިދިޔަ އަހަރުތަކުގައި އެކްސްޕީރިއަންސް ޓޫރިޒަމް ނުވަތަ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ފަތުރުވެރިންގެ އަދަދު މުޅި ދުނިޔޭގައިވެސް އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ޠައްޔިބު ވިދާޅުވީ، މިހާރު ގިނަ ފަތުރުވެރިން ބޭނުންވަނީ ތަންތަނަށްގޮސް އަރާމުކުރުމުގެ ބަދަލުގައި އެމަންޒިލަކަށް ގޮސް ކޮންމެވެސް ކަހަލަ ކަމެއްކުރުމަށްކަމަށެވެ. އެހެންކަމުން މި ބާވަތުގެ ފަތުރުވެރިކަމަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީން ގިނަ މާކެޓެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެންޕެއިންތަކެއް މިހާރުވެސް ހިންގާފައިވާ ކަމަށް ޠައްޔިބު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ 14 ގައުމެއްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކޮށް 65 މިލިއަން މީހުންނަށް ރާއްޖެ ޕްރޮމޯޓްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން އެމްއެމްޕީއާރުސީން ލޯންޗްކޮށްފައިވާ ރީޑިފައިނިން މައިސް ކެންޕެއިނަކީވެސް ރާއްޖޭގެ ފަތުރުވެރިކަން ޑައިވަރސިފައިކުރުމަށް ލޯންޗްކޮށްފައިވާ ކެންޕެއިނެއްކަމަށް ޠައްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މައިސް ސެގްމެންޓަށް، ނުވަތަ ބިޒްނަސް ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ހިންގާ "ރީޑިފައިނިން މައިސް" ބައިނަލްއަޤްވާމީ ކެންޕެއިން ލޯންޗްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައެވެ.

"ރީޑިފައިނިން މައިސް" ކެންޕެއިންގެ މަޤްސަދަކީ ރާއްޖޭގައި މައިސް ޓޫރިޒަމް (މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސަސް، އެގްޒިބިޝަންސް) އަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމެވެ. އަދި ރާއްޖެއަކީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. އަދި ރާއްޖެއަކީ މި ސަރަހައްދުގެ މައިސްއަށް އެކަށީގެންވާ މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ސެގްމެންޓުގެ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.