ޚަބަރު

ރާއްޖޭގެ ފްލޯޓިން ސިޓީ އާއްމުންނަށް ދައްކާލަނީ


ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ފްލޯޓިންގ ސިޓީ އަންނަ އޯގަސްޓް މަހު އާއްމުންނަށް ދައްކާލާނެ ކަމަށް ރާއްޖޭގައި އެމަސައްކަތްކުރާ ޑަޗް ޑޮކްލޭންޑުން ބުނެފިއެވެ. ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި މޫދުގައި ގެދޮރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް މީގެކުރިން ހިންގާފައިވީ ނަމަވެސް މާލެ އަތޮޅު އާރަށް ކައިރީގައި އޮތް ފަޅެއްގައި ތަރައްޤީކުރަނީ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީއެވެ.

ބިލިއަން ޑޮލަރުގެ ފްލޯޓިން ސިޓީ މަޝްރޫޢާއެކު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް ރާއްޖެވަނީ އައިސްފައެވެ. ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ ނަންވުމުގެ އިތުރަށް މިހާރު ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ގެދޮރުވެރިކުރުމުގެ ދާއިރާގައި ކުރިއަށްދާ އެންމެ ތަފާތު މަޝްރޫޢު ކުރިއަށްދާ ޤައުމުކަމަށް މީޑިއާތަކުގައިވަނީ ފާހަގަކޮށްފައެވެ. މޫސުމީ ބަދަލުތަކާއި ބިމުގެ ސަތަޙަ ކުޑަވުމުގެ ސަބަބުން ބޯހިޔާވަހިކަމަށް އިތުރު ކޮންސެޕްޓްތަކަށް ވިސްނަން މިއަދުވަނީ ޖެހިފައެވެ. އެހެންނަމަވެސް މިފަދަ ބިޔަ މަޝްރޫޢެއް ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ތަރައްޤީކުރުމަކީ ލޮލަށް ފެނުމުގެ ކުރިން ޤަބޫލުކުރަން ގިނަ މީހުންނަށް ދަތި މަންޒަރެކެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތްކުރާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްގެ ސީއީއޯ ޕޯލް ވޭންޑިކޭމްވަނީ މިއީ ހަގީގަތެއްކަން އާއްމުނަށް އަންނަ ސްކޫލް ބަންދުގައި ދައްކާލާނެ ކަމަށް ވިދާޅުވެފައެވެ. ޕޯލް ވިދާޅުވީ މިހާރު ފްލޯޓިންގ ސިޓީގެ ސްޓްރަކްޗަރގެ ގިނަ މަސައްކަތްތައް ތިލަފުށީގައި ނިންމާފައިވާކަމަށެވެ. އަދި އާރަށް ކައިރީގައި އޮތް "ލެގޫން 7"ގައި އެސެމްބަލް ނުވަތަ އަތުރާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.


"ރާއްޖޭގައި މިމަސައްކަތްކުރާއިރު މިޓެކްނޮލޮޖީއަށް މަސައްކަތްކުރުމަކީ ދަތިކަމެއް ނޫން. އެހެންނަމަވެސް ލޮޖިސްޓިކްސްގެ މަސައްކަތްތައް ލަސްވުމަކީ މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން. ހަފްތާއަކު ގާތްގަނޑަކަށް 1400 ކޮންޓެއިނަރު އަންނައިރު އެއީ ވަރަށް ގިނަ ލޮޖިސްޓިކްސް މަސައްކަތް." ޕޯލް ވިދާޅުވިއެވެ.

ވިހިހާސް މީހުންގެ އާބާދީއަކަށް ފްލޯޓިން ސިޓީ ތަރައްޤީކުރާއިރު މިތަނުގައި އަޅަނީ 5000 ހައުސިންގ ޔުނިޓެވެ. މާލެއިން ފުރައިގެން 10 ވަރަކަށް މިނިޓުން ދެވޭ ފްލޯޓިން ސިޓީއަކީ ދުނިޔޭގެ އެންމެ ފެހި ސިޓީއަށް ހެދުމަށް އަދި ތިމާވެއްޓާ އެންމެ ރައްޓެހި ތަނަކަށް ހެދުމަކީވެސް ޑަޗް ޑޮކްލޭންޑްގެ އަމާޒެކެވެ. އަދި މިމަސައްކަތް 3 އަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެހެން ޤައުމުތަކުގައިވެސް މިމަސައްކަތްކުރަމުން އަންނަ ޑަޗް ޑޮކްލޭންޑުން ބުނީ ހޮލެންޑުގައި ތަރައްޤީކޮށްފައިވާ ފްލޯޓިން ގެތަކަށް 40 އަހަރުގެ ވޮރަންޓީއެއް ދޭކަމަށެވެ. ރާއްޖޭގައި މިމަޝްރޫޢާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދިޔުމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕޯލް ވިދާޅުވީ ތަފާތު ކޮންމެ ކަމެއް ހަގީގަތަކަށްވާއިރު އެފަދަ ވާހަކަތައް ދެކެވުމަކީ އާއްމުކަމެއްކަމަށެވެ. އެގޮތުން ނެދަލޭންޑްސްގައި މިފަދަ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވީއިރު އޭރު އެޤައުމުގެ ރައްޔިތުންވެސް މިއީ ވެދާނެކަމެއްކަމަށް ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއަދު މިއީ އެޤައުމުގައި އޮތް ހަގީގަތެވެ. އެހެންކަމުން އޯގަސްޓްމަހުގެ މެދެއްހާހިސާބުގައި އާއްމުންނަށް ރާއްޖޭގެ ފްލޯޓިންގ ސިޓީ ދައްކާލުމުން ޤަބޫލުކުރެވޭނެކަމުގެ ޔަގީންކަން ޕޯލްވަނީ ދެއްވާފައެވެ.