ކުޅިވަރު

ފިރިހެން ސިންގަލްސް ފައިނަލްގައި ނާޒިމް އަދި އަޒްމީން


26ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ހަސަން ނާޒިމް އަދި އިސްމާއިލް އަޒްމީން ޖާގަ ހޯދައިފިއެވެ. ރޭ މި މުބާރާތުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝާފީ މުޙައްމަދާއި ވާދަކޮށް ނާޒިމް ފައިނަލްގެ ޖާގަ ކަށަވަރުކުރީ ޝާފީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެންމެ ފަހުން ބޭއްވި ޤައުމީ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި އިސްމާއިލް އަޒްމީން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި ސަދޫހު ސާމިއު ބަލިކޮށްގެންނެވެ. މި މުބާރާތުގެ އަންހެން ސިނަގަލްސް ފައިނަލުން ޖާގަ ހޯދީ އާމިނަތު ވިޝާމާ އަދި އައިމިނަތު ވިދާދެވެ. ވިޝާމާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި އައިޝަތު ޒުލްފިޝާން ބަލިކޮށްގެންނެވެ. އަދި ވިދާދް ފައިނަލުން ޖާގަ ހޯދީ އަފީފުއްނިސާ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. މި މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި ވާދަކުރާނެ ޕެއާރތައްވެސް މިހާރުވަނީ ފައިނަލްވެފައެވެ. ސެމީ ފުރަތަމަ މެޗުން މޮޅުވެ ފައިނަލުން ޖާގަ ހޯދީ އަލީ އާޒިމްއާއި ޖުމާނާ ޚަލީލްގެ ޕެއަރއެވެ. އަދި ސެމީގެ ދެވަނަ މެޗް ކާމިޔާބުކޮށް ފައިނަލްގެ ފަހު ޖާގަ ހޯދީ އާދަމް އަދީލްއާއި ފާތިމަތު ރަޔާންގެ ޕެއާރއެވެ.ޖުމްލަ 66 ކުޅުންތެރިން ވާދަކުރާ ޤައުމީ ކެރަމް މުބާރާތް މި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.