ޚަބަރު

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަށް ރައީސް ރުވާންޑާއަށް ވަޑައިގެންފި


ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި ރުވާންޑާގެ ވެރިރަށް ކިގާލީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީ އާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ޤައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމަށް 54 ޤައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މިބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން، ކޮމަންވެލްތު ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތުގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

2020 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.