ޚަބަރު

ދުވާފަރު މަގުތަކުގައި ތާރުއަޅައި ނިމިއްޖެ


ރ.ދުވާފަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.


ދުވާފަރު މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވަފައްސަކަށް ބަހާލައިގެންނެވެ.


ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނިކޮށް އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ 2019 ވަނަ އަހަރުއެވެ. އެމްޓީސީސީން އެ މަސައްކަތް އަލުން ފެށީ ރަށުގެ ރައްޔިތުން ބޭނުންވި ބަދަލުތަކާއެކުއެވެ.


ދުވާފަރު މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށެވެ. މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 12 މަގުގައި ތާރު އަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.


ފުރަތަމަ ފިޔަވަހީގައި ވެހިކަލް ދުއްވުމަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާ މީހުންނަށް ޙާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވެއެވެ. އަދި ފެން ހިންދާ ނިޒާމާއި، މަގުބައްތި ޖެހުމާއި އަދިމަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ.

ފުރަތަމަ ފިޔަަހީގެ މަސައްކަތް ނިމުމާއެކު، އެމްޓީސީސީއާއި ހަވާލުކޮށްގެން ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވެހިކަލް ދުއްވުމަށް 17790 އަކަމީޓަރުގެ ސަރަޙައްދާއި، ޕޭމަންޓްގެ ގޮތުގައި ހަދާ 6923 އަކަ މީޓަރުގެ ސަރަޙައްދެވެ.


މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 7 މަގުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ފެން ހިންދާ ނިޒާމުވެސް ވަނީ އަޅާފައެވެ. އަދި މުޅި މަޝްރޫޢުގެ %93 ވަނީ ނިމިފައެވެ.


އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ދެން ކުރިއަށްދާނީ މަގުގައި މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތެވެ.

ދުވާފަރަކީ ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވުމާއި އަދި ވަކިވުމުގެ މައްސަލަވެސް ކުރިމަތިވާ ރަށެކެވެ. އަދި ރަށުގެ މަގުތައް ވަރަށް ބޯޑަށް ހިރަފުސްވެސްވާ ރަށެކެވެ.

މަގު ހެދުމުގެ މަސައްކަތުގައި ރަށުގެ ބަނދަރު ސަރަޙައްދާ، ރަށުގެ އެކި އެކި އިދާރާތަކާއި މުވައްސަސާތައް ހުރި ބޮޑެތި މަގުތައް ވަނީ ތަރައްޤީކޮށްފައެވެ.


ދުވާފަރު މަގުހެދުމުގެ މަޝްރޫޢަކީ ސަރުކާރުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.