ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ ގާޟީ ހުޒައިފާ


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަން ކުރުމަށް ނިންމައިފިއެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މިހާރު ފެމެލީ ކޯޓުގެ އިސްޤާޟީކަމުގައި މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ކުރިއަށް ގެންދިޔަ މަރުހަލާތަކަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަނުކުރުމަށް ވަނީ ނިންމާފައެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަކީ 36،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސުގެ ގޮތުގައި 3،300 ރުފިޔާވެސް ލިބެއެވެ. މީގެ އިތުރުން މެޑިކަލް އެލަވަންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.