ދުނިޔޭގެ ވިޔަފާރި

ޖުލައި މަހު އުފައްދާ ވެހިކަލް މަދުކުރަން ޓޮޔޯޓާއިން ނިންމައިފި


ޖަޕާނުގެ މަލްޓިނޭޝަނަލް ކުންފުނި ޓޮޔޯޓާ މޮޓޯ އިން ޖުލައި މަހު އުފައްދާ ވެހިކަލްގެ ޢަދަދު 50000އަށް މަދުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އުފެއްދުންތައް މަދުކުރަން ޓޮޔޯޓޯ އިން ނިންމީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޕާޓްސް ލިބުނު ދަތިވުމާއި ދުނިޔޭގެ ބާޒާރުގައި ސެމީ ކޮންޑަކްޓާސް ލިބުން ދަތިވުމުގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ގިނައިން ކާރު އުފައްދާ ކުންފުނި ޓޮޔޯޓާ އިން އަންނަ މަހު 80000 ކާރު އުފައްދަން މީގެކުރިން ނިންމާފައިވާކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޕާޓްސް ލިބުން ދަތިވުމާއި ބާޒާރުގައި ސެމީކޮންޑަކްޓާސް ލިބުން ދަތިވުމުގެ ސަބަބުން ކުރިން ރާވާފައި އޮތް ގޮތަށް ވެހިކަލް ނުއުފެއްދޭނެކަމަށް އެ ބަޔާނުގައި ވެއެވެ.

ޓޮޔޯޓާގެ އިތުރުން ކާރު އުފައްދާ އެހެން ކުންފުނިތަކަށްވެސް ވަނީ ކޯވިޑުގެ ބަލިމަޑުކަމާއިހެދި ޕާޓްސް ލިބުން ދަތިވެފައެވެ. ދާދިފަހުން ޗައިނާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުންވެސް ތަކެތި ލިބުން ވަނީ އިތުރަށް ދަތިވެފައެވެ.

މުޅި ދުނިޔެއަށް އަހަރަކު 7.9 މިލިއަން ވެހިކަލް އުފައްދަން ޓޮޔޯޓާއިން ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް ތަކެތި ލިބުން ދަތިވުމުގެ ސަބަބުން މިޢަދަދު މަދުކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ޓޮޔޯޓާއިން މެއި މަހު ވަނީ ދީފައެވެ.