ޚަބަރު

ތިނަދޫ ހޮސްޕިޓަލުގެ ޚިދުމަތްތައް އާންމު ޙާލަތަކަށް


އަމިއްލަ ފަރާތަކުން ހަދިޔާކުރި 120 ކިލޯ ވޯޓުގެ ޖަނަރޭޓަރާއެކު ތިނަދޫ ހޮސްޕިޓަލުން ދެއްވާ ޚިދުމަތް އާންމު ޙާލަތަށް ބަދަލުވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ، ގއ. ގދ އަތޮޅުގެ ރަށްތަކުގެ މީހުން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.ރޭ ތިނަދޫގެ އިންޖީނުގެ އަނދައި މުޅިރަށުން ކަރަންޓް ދިއުމުން އެ ހޮސްޕިޓަލުން ދެމުންގެންދެވި ގިނަ ޚިދުމަތްތަކެއް މެދުކެނޑިގެން ދިޔައެވެ. ހޮސްޕިޓަލުގައި ހުރި ބެކަޕް ޖަނަރޭޓަރުން ނުފުދުމުގެ ސަބަބުން  ކޮންމެހެން ހަދަންޖެހޭ ޓެސްޓްތަކާއި، ސާޖަރީތައް ކުރުމުގައިވެސް ދަތިތަކެއް ދިމާވިއެވެ. މީގެ ސަބަބުން މިއަދު އިމަޖެންސީގައި އައި ބަލިމީހުން ހޮސްޕިޓަލުން ދިޔައީ މާލެއަށް ފޮނުވަމުންނެވެ.ނަމަވެސް މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ގއ. މާމެންދޫއިން ފޮނުވި 50 ކިލޯވޯޓުގެ ޖަނަރޭޓަރު ރަށުގެ އާންމު ފަރާތްތަކާއި ސިފައިންނާ ފުލުހުން ގުޅިގެން އިންސްޓޯލް ކުރަމުންދަނިކޮށް، ހޮސްޕިޓަލަށް ފުދޭވަރަށް ކަރަންޓް ފޯރުކޮށްދެވޭވަރުގެ ޖަނަރޭޓަރެއް ތިނަދޫގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމައްވާ ސިއެރާއިންވަނީ ހޮސްޕިޓަލުގެ ބޭނުންތަކަށް ހަމަޖައްސައިދީފައެވެ. އަދި މިއާއިއެކު މިރޭ އިރާކޮޅުން ފެށިގެން ހޮސްޕިޓަލުން ދެމުންގެންދަވާ ހުރިހާ ޚިދުމަތެއްވެސް އަލުން ފައްޓަވާފައިވާކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ.ތިނަދޫގެ އިންޖީނުގޭގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިނަދޫ ކައުންސިލް އިދާރާގައި މިހާރުވަނީ ޚާއްސަ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކުރައްވާފައެވެ. ސިފައިންނާއި ފުލުހުން އަދި  ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ތިނަދޫ ކައުންސިލާއި ބައެއް މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މި އޮޕަރޭޝަން ސެންޓަރުގެ މައިގަނޑު ބޭނުމަކީ މިހާރު ކުރެވެމުންދާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކޯޑިނޭޓުކުރުންކަމަށް އެ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.އެސްޓިއޯ މެދުވެރިކޮށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ތިނަދޫ ރައްޔިތުންނަށް މިއަދު ކަރާސީނުވެސް ފޯރުކޮށްދެއްވާފައެވެ.ތިނަދޫ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީން 2 ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މި ދެ ޖެނަރޭޓަރު ތިނަދުއަށް ގެންދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ރޭގެ ދަންވަރުގެ ވަގުތެއްގެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.ތިނަދުއަށް ބޭނުންވާ މިންވަރަށް ޢާއްމުގެތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ހަތަރުވަރަކަށް ދުވަސް ހޭދަވާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.