ކުޅިވަރު

ސަސް ބަލިކޮށް ގްރީނުން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސްއިން ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސަސްއިން ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ސަސްގެ އިބްރާހީމް އަތީގް (އިއްބެ) އާއި އަޙްމަދު ހަމީދު (އައްމަޑޭ) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އޭގެފަހުން މެޗުގެ 32 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފުގެ އިތުރު ވަގުތު މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އައިހަމެވެ.

މި މެޗުގެ ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްއިން ވަނީ ސަސްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސަސްގެ ގޯލްކީޕަރެވެ.

އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޞަރު އިބްރާހީމް (އަންކޮ) އެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ހެނާންޑޭޒް އަވީލާ ހުއާން ކާލޯސްއެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ ހަތްވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަވަނައިގައި އޮތް ސަސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ދެ ޓީމަށްވެސް ކުޅުނު 13 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ސަސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.