ޚަބަރު

ސުޕްރީމް ކޯޓަށް "ސު-މޯޓޯ"މައްސަލަ ބެލުމަށް އޮތް ބާރު އުނިކުރަން ހުށަހަޅައިފި


ސުޕްރީމްކޯޓުގެ އަމިއްލަ އިސްނެގުމުގައި "ސު-މޯޓޯ" އުސޫލުން މައްސަލަ ބެލުމަށް މިހާރު ޤާނޫނުން ލިބިދޭ ބާރު އުނިކުރަށް ކޯޓުތަކާބެހޭ ޤާނޫނަށް ސަރުކާރުން އިޞްލާހު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ ރާއްޖޭގައި ގާއިމުވެފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އިޞްލާހުކުރުމަށެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާހު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި ދައުރުގެ ތެރޭގައި އެކަން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެ މަޤްޞަދުގައި ކޯޓުތަކުގެ ޤާނޫނަށް ގެންނަ އިޞްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބަދަލަކީ މިހާރު ޤާނޫނުން ސުޕްރީމް ކޯޓަށް ލިބިދޭ އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުން ނުވަތަ "ސު-މޮޓޯ" އުސޫލުން މައްސަލަ ބެލުމުގެ ބާރު އުނިކުރުމެވެ. ކޯޓުތަކާބެހޭ ޤާނޫނަށް ނިހާދު ހުށައެޅުއްވި އިސްޞަލާހުގައިވަނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހަކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް އުއްތަމަފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުއްތަމަ ފަނޑިޔާރަށް ޖަވާބުދާރީވާންވާނެކަމަށް ބަޔާންކޮށް، ރަޖިސްޓަރާރގެ ނިންމުން އަލުން ބަލައިދިނުމާބެހޭ އުސޫލުތައް ބަޔާންކޮށްފައެވެ.

މި ބިލުގައިވަނީ ހައިކޯޓުން އިސްތިއުނާފީ މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދުމުން، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ މައްސަލަތަކަކީ އަވަސް ނިޔާގެ މައްސަލައެއްނަމަ، ގިނަވެގެން 7 ދުވަހުގެ ތެރޭގައި ނުވަތަ ހައިކޯޓުން ކަނޑައަޅާ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ހައިކޯޓުގައި ހިންގާ މައްސަލަތަކުގެ ޙުކުމް އިއްވުމުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ހައިކޯޓުގެ ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހާކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިސްފަނޑިޔާރުއަށް ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށް، ރަޖިސްޓަރާރގެ ނިންމުން އަލުން ބަލައިދިނުމާބެހޭ އުސޫލުތައްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ކޮންމެ ސުޕީރިއަރ ކޯޓެއްގައިވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢައްޔަނުކުރާ އިސް ޤާޟީއަކު ހުންނަންވާނެކަމަށް ބުނެފައިވެއެވެ. އަދި މި ބިލުގައި ވަނީ ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ މަސްއޫލިއްޔަތުތައްވެސް ބަޔާންކޮށްފައެވެ. މީގެ އިތުރުން، ސުޕީރިއަރ ކޯޓުގެ ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހަކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޯޓެއްގެ އިސް ޤާޟީއަށް ޖަވާބުދާރީވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.