ޚަބަރު

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި


މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޟީން އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް ޢިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ހުއްދަ ދެއްވާފައެވެ.

ޖޭއެސްސީން ހުށަހެޅިގޮތަށް ފާސްކުރުމަށް ކޮމިޓީގައި ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށައެޅުން ފާސްކުރިއެވެ.

މީގެ އިތުރުން ކޮމިޓީން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވަގޮތަށް ހަތަރު މަސް ދުވަހަށް ގާޟީންނަށް އާ އިނާޔަތެއް ދިނުމަށްވެސް ނިންމާފައެވެ. އެއީ އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޟީންނަށް އެމަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ 1،182 މައްސަލަ ނިންމުމަށެވެ.

އެ ރޭޓުން އިނާޔަތް ދީފިނަމަ އެ މުއްދަތުގައި އިތުރަށް ކަރަދުވާނީ 600،000 ރުފިފާއެވެ. ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް މިހާ މުއްދަތު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައެވެ.