ޚަބަރު

އިކޮނޮމިކް މިނިސްޓްރީއާއި އާރްޑީސީ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގަނީ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ މީހުންނަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް މީހުން ބިނާކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫ ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ ޢަލީ މަނިކެވެ.

މި ޕްރޮގްރާމުގެ ދަށުން އާރު.ޑީ.ސީން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕްގެ ފުރުސަރުތައް ވަނީ، 14 ދާއިރާއަކަށް ހުޅުވާލާފައެވެ.

މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކޯވިޑާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ މީހުންނަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އެހީވުންންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނިކުތުމުގައި ވަޒީފާއާއި ގުޅުންހުރި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެމީހުންނަށް ފަހިކޮށްދިނުމަކީވެސް މިޕްރޮގްރާމް ހިންގުމުގެ މަޤްސަދެއް ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އިކޮނަމިކް މިނިސްޓްރީން ވަނީ މިހާރުވެސް އިތުރު ކުންފުނިތަކަކާއެކު ސޮއިކޮށްފައެވެ.