މަސައްކަތް ފެށިތާ އެތައް އަހަރެއްވެފައިވާ ސިފައިނާއި ފުލުހުންގެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވާތީ، އެއަގު ކުޑަކުރެވޭނެގޮތެއް ހޯދުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާސްކޮށްފިއެވެ.
"ސިފްކޯ" އަދި "ޕޮލްކޯ"އިން ތަރައްޤީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިމިފައިނުވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ކަމާގުޅުންހުރި އިދާރާތަކާ، ބައްދަލުކުރުމަށްފަހު ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ހުށައެޅުމަށް ނިންމެވި ކަންކަމުގެ ތެރޭގައި ވަނީ މާކެޓުގައި ފްލެޓް ހުރި އަގުތައް ބަލައި އަގުތަކާގުޅޭ ޕްލޭނެއް އެކުލަވާލުން މުހިންމުކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ކޮމިޓީން ހުށަހަޅަން ނިންމި ކަންކަމުގެ ތެރޭގައި، ފްލެޓް ޓަވަރުތަކުގައިވާ ކޮމާޝަލް ޔުނިޓްތަކާއި މަލްޓި ޕާޕަސް ހޯލުތައް ކުއްޔަށް ދީގެން މުވައްޒަފުންނަށް ކުލި ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމާއި، ޕޮލްކޯ އާއި ސިފްކޯއިން އެންމެ ފުރަތަމަ މަޝްރޫޢު ހަވާލުކުރިއިރު ވާދަވެރި ބީލަމަކުން ފުރުސަތުދީފައި ނުވާތީ ބިޔަ މަޝްރޫއުތައް ހަވާލުކުރާއިރު ވާދަވެރި ބީލަމަކަށް ހުޅުވާލުން ހިމެނއެވެ. އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ކުންފުންޏެއްތޯ ބެލުމާއި، މަޝްރޫއުތައް ކުރިއަށް ގެންދިޔައިރު އެއްވެސް ސެކިއުރިޓީ ޑިޕޮސިޓެއް އަދި ޕާފޯމަންސް ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާދީފައިވާތީ އެގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ހުށައެޅުމަށް ކޮމިޓިން ވަނީ ނިންމާފައެވެ.
އެސްއޯއީ ކޮމިޓީން ރިޕޯޓް ފާސްކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއި ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރައްވާ މަޢުލޫމާތު ހޯއްދެވުމަށްފަހުއެވެ. އަދި އެ ފްލެޓްތަކަށް ކޮމިޓިގެ މެންބަރުން ޒިޔާރަތްކޮށް އެތަން ބައްލަވާލައްވާފައިވެއެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓިގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ ފްލެޓްތަކަށް ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ ބޮޑުޚަރަދެއް ހިނގާފައިވާކަމަށެވެ. އެގޮތުން ސިފްކޯގެ ފްލެޓްތަކުގެ މަސައްކަތަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 640 މިލިއަން ރުފިޔާގެ ލޯން ނަގާފައިވާކަމަށާއި، އިންޓްރެސްޓާއި އެކު އެޢަދަދު 867 މިލިއަނަށް އަރާކަން މުގައްރިރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ ޕޮލްކޯ ފްލެޓްތަކަށް އެ މުއްދަތާއި ހަމައަށް 497 މިލިއަން ރުފިޔާގެ ލޯން ނަގާފައިވާކަމަށާއި، އިންޓްރެސްޓާއެކު އެ ޢަދަދު 725 މިލިއަނަށް އަރާފައިވާކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިފްކޯ އާއި ޕޮލްކޯއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދައުލަތުން ލޯނު ނެގުމަށް ފަހު އެ ކޯޕަރޭޝަންތަކަށް ދޫކޮށްފައިވާ ލޯނުތަކެއްކަމަށެވެ. އަދި އެލޯނުތަކަކީ ކޮމްޕައުންޑް އިންޓްރެސްޓް ހިނގަމުންދާ ލޯނުތަކަކަށްތީ މަސައްކަތް ނުނިމި ލޯނުތަކަށް ފައިސާ ނުދައްކާ ލަސްވާތީ، 0.015 ޕަސެންޓް ރޭޓުން ޖޫރިމަނާ ނަގަމުންދާކަމަށެވެ. ކޮމިޓީގެ މުގައްރިރު ވަނީ ލޯނު ދައްކަމުން ނުދާތީ ދައުލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށްވެސް ވިދާޅުވެފައެވެ.
އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި 9 ވަރަކަށް އަހަރުވެފައިވާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ ފްލެޓްތަކުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މިހާރު ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.
އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.
ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.
އޭގެ ފަހުން އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސް ފަސްވަރަކަށް އަހަރުތަކެއް ފާއިތުވިއެވެ.