ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފިއެވެ.
މި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލްއިން ވިދާޅުވީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ބީއެމްއެލްއިން ވަނީ ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައެވެ. ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެސް މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށާއި، އެގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބީއެމްއެލްއިން ދެކެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށާއި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ރަށު ކައުންސިލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.