ދުނިޔެ

އީރާނުގައި އިންސާނީ ޙައްޤުތަކާއި ޚިލާފު އަދަބުތައް ދޭ - އ.ދ


އީރާނުގައި އިންސާނީ ޙައްޤުތަކަށް ހިލާފަށް އަމަލުކުރަމުންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އދ އިން ފާޅުކޮށްފިއެވެ. އެ ޖަމުއިއްޔާގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައި ވަނީ، އީރާނުގެ ރައްޔިތުންނާއި އެ ޤައުމަށް ހިޖުރަކޮށްފައިވާ މީހުންނަށް އިންސާނިއްޔަތާ ޚިލާފު އަދަބު ދިނުން އިތުރުކޮށްފައިވާ ކަމުގައެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް އިސްކޮށް ހުންނަވައި ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، އީރާނުގައި ކުށްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ކަންބޮޑުވާ މިންވަރަކަށް އިތުރު ކޮށްފައިވާ ކަމުގައެވެ. އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަކީ، އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ޤައުމުތަކާ ދެކޮޅަށް ތަހުޤީޤު ހިންގުމުގެ ބާރު ލިބިފައިވާ، 47 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އިދާރާއެކެވެ.

މި ކައުންސިލަށް ހުށަހަޅާފައިވާ ރިޕޯޓުގައި ހާމަކޮށްފައިވާ ބައެއް މަޢުލޫމާތުތަކަށް ބަލައިލާއިރު، އީރާނުގައި 2021 ވަނަ އަހަރު 310 މީހަކަށް މަރުގެ އަދަބު ދީފައިވެއެވެ. އެ ޤައުމުގައި 2020 ވަނަ އަހަރު މަރުގެ އަދަބު ދީފައި ވަނީ 260 މީހަކަށެވެ. އަދި، މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 105 މީހަކަށް މަރުގެ އަދަބު ދީފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މަރުގެ އަދަބު ދީފައިވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފައިވާ މީހުންނާއި، ހަތިޔާރު ބޭނުން ކުރުމުގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހުންނެވެ.

އެ ޤައުމުން މަރުގެ އަދަބު ދީފައިވާ މީހުންގެ ތެރޭގައި، އަފްޣާނިސްތާނުގެ ދާޚިލީ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެ ޤައުމު ދޫކޮށް އީރާނަށް ހިޖުރަ ކުރި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި، އެކި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގިނަ އަދަދެއްގެ ބަޔަކު، އެކިއެކި ސަބަބުތަކާ ހުރެ މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އީރާނުން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވަނީ، ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުގެ ސައްޙަކަމާ މެދު ސުވާލު އުފައްދަވާފައެވެ. އަދި، ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ސައްޙަ ނޫން މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ.