ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އޭދަފުށީގައި ކޮމިއުނިޓީ އޮޑިޓް ޕްރޮގްރާމެއް


ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އޭދަފުށީގައި ކުރިއަށްގެންދިޔަ ކޮމިއުނިޓީ އޮޑިޓް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިކޮމިއުނިޓީ އޮޑިޓަކީ، ސަރުކާރުގެ މުޢައްސަސާތަކުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ.ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަޤުވާމީ މުއާހަދާ އާއި ކުޑަކުދިންނާއި ގުޅުންހުރި ޤަވާޢިދުތަކަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންގޮސްފައިވާ އޮޑިޓެކެވެ.

މިޕްރޮގްރާމުގައި އޭދަފުށީގައި ހުރި ސަރުކާރުގެ 6 އިދާރާއެއްވަނީ އޮޑިޓްކޮށްފައެވެ. އޮޑިޓް ހިންގާފައިވާ ތަންތަނަކީ ބ.އަތޮޅު ތައުލީމީ މަރުކަޒު، އޭދަފުށީ މެޖިސްޓްރޭޓް ކޯޓް، ފުލުހުންގެ ޚިދުމަތް، އަތޮޅު ހޮސްޕިޓަލް، އޭދަފުށީ ކައުންސިލްގެ އިތުރުން އެރަށުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު ހިމެނެއެވެ.

އޭދަފުށީގައި ކުރިއަށްގެންދިޔަ ކޮމިއުނިޓީ އޮޑިޓަށްފަހު، އެރަށުގައި ހަރަކާތްތެރިވާ ކުޑަކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އިދާރާތަކާއެކުވެސް މަސައްކަތު ބައްދަލުވުމެއްވަނީ ކުރިއަށްގެންގޮސްފައެވެ.

މިމަސައްކަތު ބައްދަލުވުމުގައިވަނީ މި 6 އިދާރާއިންވެސް މިހާރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ އެއް އިދާރާ އަނެއް އިދާރާއިން މިކަން ކުރުމަށް ހުރި ކަންކަން ދެނެގަނެވިފައިވާ ކަމަށް އޮމްބަޑްސްޕާސަން އޮފީހުގެ ކޮމްޕްލެއިންސް އޮފިސަރ ފާތުމަތު ނަބާހާ ނަސީރު ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އަޙުލުވެރިކުމުގެ އިތުރުން ކުޑަކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓުކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ވަނީ ކިޔައިދީފައެވެ.

މި އޮޑިޓްގައި އެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އިންޓަވިއުކޮށް ރިކޯޑްތައް ޗެކްކުރުމުގެ އިތުރުން އިމާރާތްތައް އިންސްޕެކްޓްކޮށް، ކުޑަކުދިންގެ ޙައްޤު ރައްކާތެރި ކުރުމަށް އެތަންތަނުގައި ހުރި ގޮންޖެހުންތަކާ ކުޑަކުދިންނަށް ދިމާވާ އެކިކަހަލަ ކަންކަން ދެނެގަނެވިފައިވާކަމަށާ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުވުމަށް ހަދާފައިވާ ޤަވާއިދުތަކަށް އާންމުންނާއި މުއްޒަފުން ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށް ނަބާހާ ނަސީރު ވިދާޅުވިއެވެ.

މިއޮޑިޓުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފާހަގަކުރެވޭކަންކަން އިސްލާހުކުރުމަށްޓަކައި ހުށަހަޅާކަންކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގުޅުންހުރި ޢިދާރާތަކާއި ޙިއްސާކުރަމުން ގެންދާނެއެވެ. އަދި އެހުށައެޅުންތައް ތަންފީޒުކުރެވޭ މިންވަރު ކޮންމެ 3 މަހަކުން މޮނިޓަރކުރާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މުޅިރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި އޮޑިޓް މިހާތަނަށް 5 އަތޮޅެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށާއި އދ.ގެ ބައިނަލްއަޤުއާމީ މުއާހަދާތަކުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް ހަދާފައިވާ ޤަވާއިދުތަކަށް ރައްޔިތުންނާ ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ހޭލުންތެރިކުރުމަށާއި އެކަންކަން ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް އުފައްދާފައިވާ އޮފީހެކެވެ.