ވިޔަފާރި

ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސްގެ 10 ވަނަ ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ އައި.ޖީ.އެމް.އެޗްގައި މިއަދު ހުޅުވައިފިއެވެ. މިއީ އެންމެ ޒަމާނީ ތިން އޭޓީއެމާއެކު ފައިސާ ނެގުމާއި ޖަމާކުރުމާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ޤާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި ސެންޓަރ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ. މިނިސްޓަރުވަނީ މި ސެންޓަރ ހުޅުވުމުގެ ގޮތުން މިއަދު ތަޢާރަފްކުރެއްވި ރަންދިހަފަހެއްގެ އާ ނޫޓް އޭޓީއެމުން ނަންގަވާފައެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޒަމާނާ އެއްގޮތަށް ބޭންކުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.އައު ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، "މީގެ އެއް އަހަރު ކުރިން ތަޢާރަފްކުރި ސެލްފް ސާރވިސް ބޭންކިންގ ޚިދުމަތާއެކު، އާއްމުކޮށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ބޭންކަށް އައުމުގެ ބަދަލުގައި ފަސޭހަކަމާއެކު އެ ޚިދުމަތްތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށެވެ.