ދުނިޔޭގެ ވިޔަފާރި

ޑިމާންޑު އިތުރުވެ ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

ސަޕްލައި ދަށްވެ ޑިމާންޑު އިތުރުވުމުގެ ސަބަބުން ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ. އެގޮތުން މިހާރު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު ހުރީ ފީފާއެއް 114.77 އެމެރިކާ ޑޮލަރަށެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔު ޓީ އައި) ގައި ތެޔޮ ފީފާއެއް ހުރީ 110.90 އެމެރިކާ ޑޮލަރަށެވެ.

ތެލުގެ ޑިމާންޑް އިތުރުވި ނަމަވެސް ރަޝިއާއިން ތެޔޮ އެތެރެކުރުން ޔޫރަޕް އިއްތިޙާދުން މަނާކޮށްފައި އޮތުމުން ތެލުގެ ސަޕްލައި އިތުރެއް ނުވެއެވެ.

އިޤްޠިޞާދު ކުރިއެރުމުގައި ކަންބޮޑުވުންތަކެއް ހުރިނަމަވެސް ހޫނުމޫސުމުގައި ދަތުރުކުރާ މީހުން ގިނަވެ ފްލައިޓްތަކަށާއި އެނޫންވެސް ވެހިކަލްތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑު އިތުރުވެފައިވާ ކަމަށް ކަމާއިބެހޭ މާހިރުން ވިދާޅުވެއެވެ.

ތެލަށްއޮތް ޑިމާންޑު މި އިތުރުވީ ތެލުގެ ޑިމާންޑު އިތުރުވާނެކަމަށް އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް) އިން ބުނެފައިވަނިކޮށެވެ.

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ ރަޝިއާއިން އުފައްދާ ތެލުގެ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރަން ޔޫރަޕިއަން ޔޫނިއަނުން ނިންމުމާއި ގުޅިގެންނެވެ. ރަޝިއާއިން އުފައްދާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ މަދުކުރުމަށް އީޔޫއިން ވަނީ ނިންމާފައެވެ.

އަންނަ ޖުލައިމަހު 648000 ފީފާ ދުވާލެއްގެ މައްޗަށް އުފައްދަން އޯޕެކް ޤައުމުތަކާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސް އިން މިހާރު ވަނީ އެއްބަސްވެފައެވެ.

ދުނިޔޭގެ އިޤްޠިޞާދީ ދުވެލި %3.5 އިންސައްތައަށް މިއަހަރު ހަލުއިވާނެކަމަށް އޯޕެކުން ވަނީ ލަފާކޮށްފައެވެ.