ދުނިޔެ

ޔޫކްރޭނުގެ ކުޑަކުދިންނަށް އެހީވާން ނޮބެލް ޞުލްޙައިގެ އިނާމު ވިއްކާލައިފި


ރަޝިޔާގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ ދިމީތްރީ މުރަތޯފް އޭނާއަށް ލިބިފައިވާ ނޮބެލް ޞުލްޙައިގެ އިނާމު ނީލަމުގައި ވިއްކާލައިފިއެވެ. އޭނާގެ ނޮބެލް އިނާމު ވިއްކާލާފައިވަނީ 103.5 މިލިއަން އެމެރިކާ ޑޮލަރަށެވެ. މީ ރެކޯޑް އަދަދަކެވެ. މި ފައިސާގެ ތެރެއިން ބައެއް ޚަރަދު ކުރަން އޭނާ ގަސްދު ކުރަނީ ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މުރަތޯފް އޭނާގެ ނޮބެލް އިނާމު ވިއްކާލާފައިވަނީ ދުނިޔޭގެ ރެފިޔުޖީންގެ ދުވަހާ ގުޅުވައިގެންނެވެ. އަދި، ނީލަމުން ލިބުނު ފައިސާގެ ތެރެއިން 500,000 އެމެރިކާ ޑޮލަރު ހަދިޔާ ކުރާނީ ޔޫކްރެއިންގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީތެރިވުމަށް ޔުނިސެފުން ކުރަމުންދާ މަސައްކަތްތަކަށެވެ. މުރަތޯފްގެ "ނޮވާޔާ ގަޒޭޓާ" ނޫހަކީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ސަރުކާރާ ދެކޮޅު ނޫހެކެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ރިޕޯޓް ކުރުމާ ގުޅިގެން ޕުޓިންގެ ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އެ ނޫހުގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ނޫހުގައި މަސައްކަތް ކުރި ހަ ނޫސްވެރިޔަކު ވަނީ މަރައި ވެސް ލާފައެވެ

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ނަޒަރު ހިންގައިލާއިރު، ރަޝިޔާގެ ސިފައިން ވަނީ ލުހާންސް ސަރަޙައްދުގެ އިތުރު ރަށަކަށް އަތްގަދަ ކޮށްފައެވެ. އެއީ، ލިޝިސެންކްސްގެ އިރުދެކުނުގައި އޮންނަ ރަށެއް ކަމުގައިވާ ޓޮޝްކިވްކާއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އޮޑެއްސާގެ ވައިގެ ބަނދަރަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރަޝިޔާއިން ވަނީ ބުނެއެވެ. މިއީ، ބްލެކް ސީ ސަރަޙައްދުގައިވާ ރަޝިޔާގެ ތެޔޮ ކާރުޚާނާއަކަށް ޔޫކްރެއިން ސިފައިން ދިން ހަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއްކަމަށް ރަޝިޔާއިން ބުނެއެވެ.

ހުޅަނގުން ޔޫކްރެއިނަށް ފޮނުވި "ހާޕޫން މިސައިލް ސިސްޓަމް" ވެސް އެ ޤައުމުގެ ސިފައިން މިހާރު މި ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ، އަސްކަރީ މަނަވަރުތަކަށް ހަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. މި ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދީފައި ވަނީ ޔޫކްރެއިނުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށެވެ.

މީގެ އިތުރުން، ޖަރުމަނު ވިލާތުން ފޮނުވި "ހޮވިޓްޒަރ" ބަޑީގެ ޝިޕްމަންޓެއް ޔޫކްރެއިންއަށް މި ވަނީ ލިބިފައެވެ. މި ވައްތަރު ބަޑީގެ އިތުރު ޝިޕްމަންޓްތަކެއް ޔޫކްރެއިނަށް ފޮނުވުމަށް ޖަރުމަނު ވިލާތުން ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިނުން ވަނީ، އެ ޤައުމުގެ އަސްކަރިއްޔާއަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކަށް ގޮވައިލާފައެވެ.

ބޯލްޓިކް ކަނޑުގެ ސަރަޙައްދުގައި ރަޝިޔާއަށް މި ވަނީ އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ ކަނޑުގައިވާ ރަޝިޔާގެ ސަރަޙައްދެއް ކަމުގައިވާ ކެލިނިންގްރެޑްއަށް އެއްގަމު މަގުން ދަތުރު ކުރެވެން އޮތް ހަމައެކަނި މަގު ލިތުއޭނިޔާއިން މި ވަނީ ބަންދުކޮށްފައެވެ. 1991 ވަނަ އަހަރުގެ ކުރިން ކުރީގެ ރޫސީ ވިލާތުގެ ބައެއްގެ ގޮތުގައި އޮތް ލިޔުއޭނިޔާއަކީ މިހާރު ނޭޓޯ އަދި އީ.ޔޫ.ގެ މެންބަރު ޤައުމެކެވެ. މިކަމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ރަޝިޔާއިން ވަނީ ދީފައެވެ.

ޔޫކްރެއިންގެ މަސްރަޙުން ދެން ފާހަގަކޮށްލެވޭ އަނެއް ޚަބަރަކީ، އެމެރިކާގެ ބަންޑާރަ ނައިބު މެރިކް ގާލެންޑް ޔޫކްރެއިންގެ ވެރިރަށަށް ކުރެއްވި ޒިޔާރަތެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ، ޔޫކްރެއިންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ފަރާތްތައް ހޯދާ، އެ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.