ޚަބަރު

ބާ އިމްތިހާނު ނޮވެމްބަރަށް ފަސްކޮށްފި


އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބާ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހަށް ފަސް ކުރުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.

މިއިމްތިހާނު ފަސް ކުރުމަށް ބާ ކައުންސިލުން ނިންމާފައިވަނީ ވަރަށް ގިނަ ދަރިވަރުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލްގައާއި، ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައި ވަނިކޮށެވެ. މިކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެން ބާ ކައުންސިލުން ވަނީ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމި ބާ އިމްތިހާނުގައި ރަޖިސްޓްރީވި ދަރިވަރުންގެ އިތުރުން، ރަޖިސްޓްރީ ކުރުމަށްފަހު ނަން ނެގި ދަރިވަރުންނަށްވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް ބާ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އެކައުންސިލުން ވަނީ ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިމްތިހާނުގެ ފީއާއިމެދު ދަރިވަރުންގެ ކަންބޮޑުވުން އޮތް ނަމަވެސް ބާ ކައުންސިލުން ނިންމާފައިވަނީ ފީއެއްގެ ގޮތުގައި މިހާރުވެސް ނަގާ އަދަދަށް 10،000 ރުފިޔާގެ ފީއެއް ނެގުމަށެވެ.

ބާ އިމްތިހާނާއިމެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މަޖިލީހަށް ވަނީ އިސްލާހެއްވެސް ހުށަހަޅާފައެވެ. އެގޮތުން ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ވަކީލުކަމުގެ ހުއްދަ ނުލިބޭ މީހުން ބާ އިމްތިޙާނާއި، ތަމްރީނު ފުރިހަމަކުރުން އިސްތިސްނާވާގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ހުށަހަޅާފައެވެ.