ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބަށް ކުރަމުންދާ ވިއްސާރައިގައި، ޚާއްސަކޮށް ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް އަދި މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެކަމަށްވެސް ލަފާކުރެވޭކަމަށް މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މިރޭގެ 8ން މާދަމާގެ 8ށް މޫސުން ލަފާކުރާގޮތުގައި، އިރު އުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓްއޮފީހުން ވިދާޅުވެއެވެ.ކަނޑުތައް މެދުތެރޭ އަތޮޅުތަކުގައި އާއްމު ގޮތެއްގައި ގަދަވާނެ ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވާނެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުގަދަވެ ވައި ބާރުވާނެތީވެ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން މުސުމާ ބެހޭ އެންމެފަހުގެ މައުލާމާތު ހޯއްދަވައިގެން ދަތުރު ދަތުރުކުރުމަށް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.