ޚަބަރު

ކަރަންޓު މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ


ގދ. ތިނަދުއަށް އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވެންދެން ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކުން އެމަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.|ގދ. ތިނަދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިޙާދިސާއާ ގުޅިގެން ތިނަދޫގެ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާތީ، ތިނަދުއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެއްވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މި ޙާދިސާގެ ސަބަބުން ތިނަދޫ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރަމުންދާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، މިފަދަ ޙާދިސާތައް ކުރިއަށް އޮތްތާނގައި ތަކުރާރުނުވާނެ ފަދައިން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން މިބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.