ޚަބަރު

ނަޝީދުގެ ވާހަކަތައް ފުލުހުން ދޮގުކުރައްވައިފި


ސިޔާސީ ހައްޔަރީންގެ ގޮތުގައި ސަތާރަ ސަތޭކައަށްވުރެ ގިނަ މީހުންނަށް ދައުވާ ކުރަމުންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަފުޅު މޯލްޑިވްސް ޕޮލިސް ސާރވިސުން ދޮގުކުރައްވައިފިއެވެ. އެއިދާރާއިން އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 2 އަހަރު ތެރޭގައި ބޭއްވި ސިޔާސީ އެއްވުންތަކާއި ސިޔާސީ ޙަރަކާތްތަކުގައި، އަމުރަށް ނުކިޔަމަންތެރިވެގެން ނުވަތަ ފުލުހުންގެ ދައުރާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމާއި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގައި އެފަދަ ޢަމަލުތަކަށް ހިއްވަރުދީ ވާހަކަ ދެއްކުމާއި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުމާއި، އެއްވުން މަނާ ސަރަޙައްދުތަކާއި ތަންތަނަށް އެއްވުންފަދަ ކުށް ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވާފައިވަނީ 109 މީހުންކަމަށެވެ. އަދި އޭގެކުރިން ހުރި ބައެއް މައްސަލަތަކާއި އެކު 140 މީހެއްގެ މައްޗަށް ދަޢުވާ ކުރުމާމެދު ގޮތެއް ނިންމަވައި ދެއްވުންއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާފައިވާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. ސިޔާސީ ބައެއް ފަރާތްތަކުން ރާއްޖޭގައި ސިޔާސީ ހައްޔަރީންގެ ގޮތުގައި ސަތާރަ ސަތޭކައެއްހާ މީހުން ތިބިކަމަށާއި އެހުރިހާ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާކަމަށް ދައްކަވާ ވާހަކަތަކަކީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާ ކުރުމެއްނެތް ޙަޤީޤަތާ ޚިލާފު ވާހަކަ ތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެފަދަ ވާހަކަތައް ނުދެއްކުމަށް ސިޔާސީ ފަރާތަކަށް ފުލުހުން ގޮވާލައްވާފައިވެއެވެ. އިސްލާމްދީނުގެ ނަމުގައި ހަނގުރާމަ ކުރަން ކަމަށް ބުނެ ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަ ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ބައެއް ޖަމާޢަތްތަކާއި ގުޅިގެން 200 އެއްހާ ދިވެހިން ހަނގުރާމަކުރަމުން ގެންދާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަފާތު އެކި ފޯރަމް ތަކުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.  ފުލުހުން ވިދާޅުވީ އެ އިދާރާގެ ރެކޯޑްތައް ދައްކާގޮތުން ގުރޫޕްތަކާއި ގުޅިގެން ހަނގުރާމަ ކުރުމަށާއި ޖިހާދުވުމުގެ ނަމުގައި ކަމަށްބުނެ ރާއްޖެއިން ބޭރަށް ގޮސްފައިވާ ދިވެހިންނާއި އެމީހުންގެ ޢާއިލާތައް ހިމަނައިގެންވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވިދާޅުވާ ޢަދަދުގެ ދެބައިކުޅަ އެއްބައި ދިވެހިންވެސް ރާއްޖެއިން ބޭރަށް ގޮސްފައި ނުވާކަމަށެވެ. މިފަދަ ވާހަކަތަކީ އޭގެ ސަބަބުން ޤައުމުގެ މަޞްލަޙަތަށް ބޮޑެތި އަސަރުތަކެއްކޮށް ޤައުމުގެ މިނިވަންކަމަށާއި ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމަށް ފުރުޞަތު ލިބިގެންދާނެކަމަކަށްވާތީ އެކަން ނުކުރެއްވުމަށް ފުލުހުންގެ ބަޔާނުގައި ގޮއްވާލައްވާފައިވެއެވެ. އަދި  ދައުލަތުގެ ރަސްމީ އިދާރާތަކުގެ ތަފާސް ހިސާބުތަކާއި ރަސްމީ މަޢުލޫމާތު ތަކާއި ޚިލާފަށް އެއްވެސް ފަރާތަކުން މިފަދަ ވާހަކަތައް ނުދެއްކެވުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.