ޚަބަރު

ވަކިވަކި ފަރުދުންނާއި ބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތަށް ބުރޫއަރާފަދަ ކަންކަން ބަލައެއްނުގަނެވޭނެ: ސަރުކާރު


ވަކިވަކި ފަރުދުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭގޮތަށް ހިންގާ ޢަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ހަރަކާތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ޑިޕްލޮމެޓިކް މެންބަރުން ހިމެނޭހެން، މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް އަމާޒުކޮށް ހިންގި އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރުވައި، ވަކިވަކި ފަރުދުންނާއި ޑިޕްލޮމެޓިކް ކޯޕްސްގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ މިފަދަ އަނިޔާވެރި އަމަލުތައް ބަލައިނުގަނެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ޚާއްޞަ ތަހުޤީގެއް ފަށާފައިވާއިރު، މި ޢަމަލު ހިންގި ފަރާތްތައް އަވަސް ގޮތެއްގައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން މި ބަޔާނުގައި ވަނީ ދެއްވާފައެވެ.

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ރާއްޖޭގައި މިއަދުވެސް 2015 ވަނަ އަހަރުން ފެށިގެން އަންނަނީ ފާހަގަކުރަމުންނެވެ. ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެގޮތުގައި ޖޫން 21 އދ. ކަނޑައެޅި 11 ޑިސެމްބަރު 2014 ގައެވެ. މި ދުވަސް ފާހަގަކުރުމަށް އދ.ން ކަނޑައެޅީ ރާއްޖެވެސް ހިމެނޭހެން އދ.ގެ 177 މެންބަރު ޤައުމުން ކޯ ސްޕޮންސަރކޮށް ހުށަހެޅި ޤަރާރު ފާސްވުމުންނެވެ.