ޚަބަރު

ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް


ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފިއެވެ.
ޅ.ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. މިމިސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެމްޓީސީސީން ވިދާޅުވީ ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން އަންނަނީ ހާބަރ ޕޭވްމަންޓްގެ ކާސްޓިންގ މަސައްކަތްކަމަށެވެ.

ހިންނަވަރަކީ ފާދިއްޕޮޅުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އަތޮޅުގެ މުހިންމު ރަށެކެވެ. އަތޮޅުގައި އެރަށް އޮންނަ ސަރަޙައްދަކީ ވިޔަފާރީގެ ބާރަކަށް ހެދުމަށް އޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. ހިންނަވަރުގެ އުތުރުގައި މީގެކުރިން ބޭނުންކުރަމުން އައީ އެންމެއިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. މިބަނދަރުގެ ބައެއްވެއްޓި ބޭނުންނުކުރެވޭވަރަށް ބަނދަރު ހަލާކުވުމާގުޅިގެން މިބަނދަރާ ގުޅުވައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހިންނަވަރަކީ ކޮންމެވެސްވަރަކަށް މަސްވެރި އުޅަނދުތައް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ދޯނި ގިނަ ޢަދަދަކަށް ހުންނައިރު މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެއްކަން ހިންނަވަރު ކައުންސިލުން ފާހަގަކުރައްވައެވެ. އަދި ބަނދަރު ހަލާކުވުމާގުޅިގެން ގިނަ ދަތިތަކެއް ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.

ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި 3.2 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އައު ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތުގެ ތެރޭގައި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 421 މީޓަރު އެއްގަމު ތޮށްޓެއް ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 140.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 99.5 މިލިއަން ރުފިޔާއަށެވެ.