ވިޔަފާރި

ޖަރުމަނުގެ އެމްއެސް ޔޫރޮޕާ މާލެއަށް ބަނދަރުކޮށްފި


500 އަށްވުރެއް
ގިނަ ފަތުރުވެރިންނާއި އެކު ޖަރުމަނުގެ އެމްއެސް ޔޫރޮޕާ މާލެއަށް ބަނދަރު ކޮށްފިއެވެ.



މިއަދު ހެނދުނު
މާލެއަށް ބަނދަރުކޮށްފައިވާ މި ކުރޫޒް ލައިނާއިން އައިސްފައިވަނީ ގިނައިން
ޔޫރަޕްގެ ފަތުރުވެރިންނެވެ.



ހަތް
ފްލޯއަށް ހަދާފައިވާ މި އުޅަނދުގައި ހަތް ރެސްޓޯރެންޓާއި 15 މީޓަރުގެ ސުވިމިން
ޕޫލެއްގެ އިތުރުން އެންމެ ފެންވަރު ރަގަޅު ސްޕާއެއްހުރެއެވެ. މިފަދަ
ބޮޑެތި ކުރޫޒް ލައިނާތައް ރާއްޖެއަށް އައުމަކީ އޭގެ މަންފާ ރާއްޖޭގެ އިޤްތިސާދަށް
ކުރާނެ ކަމެކެވެ. އަދި މިއަހަރުގެ ތެރޭގައި ގިނަ އަދަދަކަށް މިފަދަ ކުރޫޒް
ލައިނާތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖެއަށް ބޮޑެތި
ކްރޫޒްލައިނާތަކާއި ސުޕަ ޔޮޓުފަހަރު ގެންނަ ޖަމިއްޔާ، މާޔާއިން ހާމަކުރެއެވެ. އެގޮތުން މިއަހަރުގެ
ތެރޭ 10 އަކަށް ވުރެއް ގިނަ ކުރޫޒް ލައިނާ ރާއްޖެއަންނާނެ ކަމަށް އެ ޖަމިއްޔާއިން
މައުލޫމާތުދެއެވެ.



ޖަރުމަނީގެ
އެމްއެސް ޔޫރޮޕާ މިއަދު މާލެ އަށް ބަނދަރުކޮށްފައިވާ އިރު އެމެރިކާގެ "ސަން
ޕްރިންސަސް" އާއި އިޓަލީގެ "ކޮސްޓާ ނިއޯރިވެރާ" ކުރޫޒާ ލައިން މީގެ
ދެ ދުވަސްކުރިން ތިން ހާހެއްހާ ފަތުރުވެރިންނާއެކު މާލެއަށް ބަނދަރުކޮށްފައިވާކަން
ފާހަގަކޮށްލެވެއެވެ.