ޚަބަރު

މެއި 6ގެ ޙަމަލާ: މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބާނާޒް


ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޙަމަލާއާގުޅޭ މައްސަލަ ބަލާ، ކްރިމިނަލްކޯޓުގެ ބެންޗުގެ ރިޔާސަތަށް ޤާޒީ ދީބާނާޒް ފަހުމީ އައްޔަން ކޮށްފިއެވެ.

މިމައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަށް ދީބާނާޒު ހަމަޖެއްސީ މިމައްސަލަ ބެއްލެވި ކްރިމިނަލްކޯޓުގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ، ޤާޟީ އާދަމް މުޙައްމަދު އެމައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމުންނެވެ. މިމައްސަލަ ބަލާ ބެންޗުގެ އިސް ޤާޟީ ތަނާޒުލްވެ ވަޑައިގެންނެވީ މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ބެއްލެވީ އޭނާ ކަމަށްވެފައި އެ މައްސަލައާ ގުޅިގެން ޤާޟީ އަށާއި އޭނާގެ ޢާއިލާއަށް ބިރުދައްކައި އިންޒާރު ދިން މައްސަލާގައި އިސްޙާޤުގެ ދަރިއަކު ހިމެނޭތީކަމަށެވެ.

މ.ކުދެހިގެ، އިސްހާގުގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މައްސަލައިގައި ގާޟީއަށް ބިރުދައްކައި އިންޒާރު ދިންކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުގައި އިސްހާގުގެ ދަރިޔަކު ހިމެނޭ ކަމަށެވެ. މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. ޔާމީން ރަޝީދުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މ.ކުދެހިގޭ، ހަސަން ޝިފާޒަކީ އިސްހާގުގެ ދަރިފުޅުގެ ބޮޑުބޭބެ ކަމަށް ގާޟީ ފާހަގަކުރެއްވިއެވެ.

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝިފާޒުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މިމައްސަލަ އިސްތިއުނާފްކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އިސްކޮށް އުޅުނު މުހައްމަދު ތަސްލީމާއި، އަބްދުﷲ އަލީ މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަހުމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.